އަދީބު ދޫކޮށްލީ ގާނޫނީ އިމުގެ ތެރެއިން، ގޯސް ނިންމުމެއް ކަމަށް ގަބޫލެއް ނުކުރަން: އިބޫ

އިބޫ ވިދާޅުވީ އެއީ ގޯސް ނިންމުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ މައާފަށްވެސް އެދިވަޑައިގަންނަވަން ނުޖެހޭ ވަރު ކަމެއް ވެސް ނޫން ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި -- ފޮޓޯ: އެމްޑީޕީ

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މުގުލުގައި ހުންނެވި އަހުމަދު އަދީބުގެ ޖަލު ހުކުމަށް ލުއި ދެއްވީ ގާނޫނީ އިމުގެ ތެރެއިން، އެކަން ކުރަން އޮންނަ އުސޫލުގެ ތެރެއިން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަން ދިފާއު ކުރައްވައިފި އެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އިބޫގެ ވެރިކަން ނިމެން އުޅެނިކޮށް ހަތަރު ދުވަހަށް ވަނީ އަދަބު ލުއިކޮށްދީފަ އެވެ. މިނިވަން ވުމުގެ ކުރިން އަދީބު ވަނީ އަށް އަހަރު ޖަލު ހުކުމް ތަންފީޒު ކޮށްފަ އެވެ.

ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއެކު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ އަދަބު ދީ ޖަލަށްލާފައި ތިބޭ މީހުންގެ އަދަބަށް ލުއި ހޯދަން ހުރިހާ ރައީސުންގެ އަރިހަށްވެސް އެކި މައްސަލަތައް ފޮނުވާނެ ކަމަށެވެ.

އެގޮތަށް އަދީބަށް ލުޔެއް ދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށާއި، އެފަދަ މައްސަލައެއް އައުމުން ގާނޫނުގައިވާ ގޮތަށް ލުޔެއް ދެވޭތޯ ބަލާނެ ކަމަށް އިބޫ ވިދާޅުވި އެވެ. 

އެގޮތުން އިބޫ ވިދާޅުވީ އެ މައްސަލައިގައިވެސް ފުރަތަމަ ބެލީ އެ ހުކުމުގެ ތެރެއިން އަދަބު ލުއިކޮށްދިނުމަށް ބޭނުންވާ ވަރަށް ހުކުމް ތަންފީޒުކޮފައި އޮތްތޯ ކަމަށެވެ. އަދި ކަރެކްޝަންސް ސާވިސްއިން އެ ކުށްވެރިއަކާ ދޭތެރޭ ދެކޭ ގޮތާއި އޭނާގެ މެޑިކަލް ރިޕޯޓުތަކަށްވެސް ބައްލަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެ ހުރިހާ އެއްޗެއްގެ އަލީގައި އަޅުގަނޑާ ހިސާބަށް އައި ލިޔުމުގައި އޮންނަނީ އަހުމަދު އަދީބަށް ލުއި ދިނުމަށް، އެހެން މީހުންނެކޭވެސް އެއްފަދައިން، ހުކުމް އެވަރަށް ތަންދީޒުކޮށްފަ އޮތީމައި ލުއި ދިނުމުގެ ފުރުސަތު އޮތް ކަމަށް،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެވެރިކަމުގައި އަދީބަށް ހަމައެކަނި ލުއި ދީފައި ވަނީ ޖިނާއީ މައްސަލަތަކުން އެކަނި ކަމަށެވެ. ހިޔާނާތްތެރިވި ފައިސާ ހޯދަން އުފުލާފައިވާ މަދަނީ ދައުވާތައް ކޯޓުތަކުގައި ކުރިއަށްދާ ކަމަށާއި އެ މައްސަލަތައް ކުރިއަށް ނުދަނީ ކީއްވެތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދާފަ އެވެ.

"އަޅުގަނޑު ހިތައް އަރާ އެކަން ކުރިއަށް ނުދަނީ ކީއްވެގެންތޯ މިހާރު. އޭގެ އެއްފަޅިއަކީ މިދެންނެވިހެން ގެއްލުނު ފައިސާ ހޯދުމުގެ ބައި. އެހެންވީމަ އެކަން ކުރިއަށް ގެންދަންވީ މިހާރުވެސް،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެއީ ގޯސް ނިންމުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ މައާފަށްވެސް އެދިވަޑައިގަންނަވަން ނުޖެހޭ ވަރު ކަމެއް ވެސް ނޫން ކަމަށެވެ. 

އޭރު އަދީބާއި އަބްދުﷲ ޒިޔަތަށް ޖަލު ހުކުމުން ލުއި ދިނުމާއެކު އިބޫއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. މިއީ އެ ފާޑުކިޔުންތަކަށް ސީދާ ގޮތުން އިބޫ ޖަވާބެއް ދެއްވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.