"މި ވަގުތަކީ ރައީސުންގެ ނިޔަތާމެދު ސުވާލު އުފައްދަންވީ ވަގުތެއް ނޫން. އެންމެ ބޮޑު މަސްލަހަތަކީ ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުން،“ ޔާމީން ވިދާޅުވި އެވެ.

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރައްވަން ނިންމެވީ އެބޭފުޅުން ކުރެއްވި ވެރިކަންތައް ދިފާއު ކުރައްވަން ނޫން ކަމަށް އެބޭފުޅުން ވިދާޅުވެއްޖެ އެވެ.
ހިޔާލު ތަފާތުވުންތައް އެއްފަރާތް ކުރައްވައި ތިން ރައީސުން މިރޭ ވަނީ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ބޮޑަށް އެއްބަސްވެވަޑައިގެންފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރަން އެކުގައި މަސައްކަތް ކުރެއްވުމަށެވެ.
ނަމަވެސް އެބޭފުޅުންގެ ވެރިކަންތަކުގައި ނޫސްތަކަށާއި ނޫސްވެރިންނަށް އެޅި ހުރަސްތަކާ ގުޅޭ ގޮތުން ނޫސްވެރިން ވަނީ މިރޭ ސުވާލު އުފައްދަވާފަ އެވެ.
ތިން ރައީސުންގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެތައް ގޮތަކުން ސިޔާސީ ފިކުރު ތަފާތު ތިން ބޭފުޅުން ނޫސްވެރިންގެ ހައްގުގައި "އެއްގަލަކަށް" އެރުމަކީ މިއަދު ނޫސްވެރިން އުފާކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
"މި ވަގުތަކީ ރައީސުންގެ ނިޔަތާމެދު ސުވާލު އުފައްދަންވީ ވަގުތެއް ނޫން. އެންމެ ބޮޑު މަސްލަހަތަކީ ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުން،“ ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ތިން ބޭފުޅުންވެސް ރިޔާސީ އިންތިހާބަށް ކުރައްވާ އުންމީދަކީ މުޅިން ތަފާތު މަސައްކަތެއް ކަމަށެވެ. މިއަދު އެހުރިހާ ކަމަކަށްވުރެ ނޫސްވެރިންގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މާ މުހިންމު ކަމަށެވެ.
ނަޝީދު ވިދާޅުވެފައި ވަނީ އެބޭފުޅުންގެ ވެރިކަންތަކުގައި ވެދިޔަ ކަންކަމަކީ ޑިމޮކްރެސީގެ ރޫހާއި އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް މިއަދު ހުރަސް އެޅޭ ސަބަބެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ނުދަންނަވަން އަޅުގަނޑުމެންގެ ވެރިކަންތަކަކީ އެންމެ ފުރިހަމަ ގޮތުގައި ކޮންމެހެން ކުރެވުނު ވެރިކަންތަކެއްގެ ގޮތުގައެއް،" ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބޫ ވެސް ވިދާޅުވެފައި ވަނީ އެބޭފުޅުންގެ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް ގައުމު މިއޮތް އަނދަވަޅުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުން މުހިންމު ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް މީހެއްގެ ވެރިމަކީ ތިހުރިހާ ބޭފުޅުން ގަބޫލުކުރާ އެންމެ ރަނގަޅަށް ކުރެވުނު ވެރިކަންތަކެއް ނޫން. ހުންނާނެ ސުވާލު އުފެދޭ ކަންކަން. ނަމަވެސް އަޅުގަނޑުމެން މިއަދު މިތަނަށް އައިސް ތިބެން މަޖުބޫރިވީ ހުރިހާ ވެރިކަންތަކަށްވެސް ހާލަތު ގޯސްވެއްޖެ ކަމަށް ގަބޫލުކުރެވޭތީ،" އިބޫ ވިދާޅުވި އެވެ.
ތިން ރައީސުން ވެސް އިއްތިފާގުވެވަޑައިގެންނެވި ގޮތުގައި، ވެރިކަމެއްގައި ހުންނަ އުނި ސިފަތަކަށްވުރެ ބޮޑަށް މިއަދު އިސްކަންދޭންވީ ކަމަކީ ނޫސްވެރިކަން ހިމާޔަތް ކުރުމެވެ.
މި ސަރުކާރުގެ ސިޔާސަތުތަކާއި ނިންމަމުންދާ ނިންމުންތަކާ ދެކޮޅަށް މަސައްކަތް ކުރަން އެއްބަސްވެވަޑައިގެން އެންމެ ފުރަތަމަ ގޮވާލައްވާފައި ވަނީ ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވި ކަމަށް ކަނޑައަޅައި ބަންދުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުމަށެވެ.