ނޫސްވެރިންގެ ހައްގުގައި ކުރީގެ ތިން ރައީސުން އެއްބަސްވުމަކަށް

"އެތައް ޒަމާނެއް ވަންދެން ދިވެހިން ހޯދި ޑިމޮކްރެސީގެ ހަމަތައް ރާއްޖޭން ފޮހެވިގެން ދިއުމާއެކު ގައުމު ހަމަ މަގަށް އެޅުމަށް އަޅުގަނޑުމެން ތިން މީހުން ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެފައި،"

ކުރީގެ ތިން ރައީސުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް "ފާޅުގައި އަރައިގަނެފައިވާ" ކަމަށް ވިދާޅުވެ، އެކުގައި މަސައްކަތް ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވުމެއްގައި ސޮއިކުރައްވައިފި އެވެ.

ސިޔާސީ ގޮތުން ހުރި ހިޔާލުތަފާތުވުންތައް އެއްފަރާތް ކުރައްވައި ތިން ރައީސުން އެކުގައި މިރޭ ވަނީ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމަށްފަހު ތިން ބޭފުޅުން ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ނަގާލައި، ޝަރުއީ ކޯޓުތަކަށްވެސް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި މިނިވަން ނޫސްވެރިން ކަމަށް ހުރަސް އެޅުމާއި ނޫސްވެރިން ޖަލަށްލަމުންދާ ކަމަށެވެ.

އޭގެ އިތުރުން، ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތުވެސް ދަށްވެ، އިގްތިސޯދު ހީނަރުވެ، ތަކެތީގެ އަގުތައް އުފުލި ސަރުކާރުން އިންތިހާޔަށް އިސްރާފުކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"އެތައް ޒަމާނެއް ވަންދެން ދިވެހިން ހޯދި ޑިމޮކްރެސީގެ ހަމަތައް ރާއްޖޭން ފޮހެވިގެން ދިއުމާއެކު ގައުމު ހަމަ މަގަށް އެޅުމަށް އަޅުގަނޑުމެން ތިން މީހުން ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެފައި،" ތިން ރައީސުން ނެރުއްވި ބަޔާނުގައިވެ އެވެ.

އެގޮތުން މިހާރު މިހާތަށް ނުހައްގުން ބަންދުކޮށްފައިވާ ނޫސްވެރިންނާއި އެކަމާ އަޑުއުފުލުމާ ގުޅިގެން ބަންދުކުރި ހުރިހާ ފަރާތްތަކެއް މިނިވަންކުރުމަށާއި ނޫސްވެރިންގެ މައްޗަށް ހިންގާ ޣައިރު ގާނޫނީ ޝަރީއަތްތައް ހުއްޓާލުމަށް ތިން ރައީސުން ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.