މީގެ 33 އަހަރު ކުރީގައިވެސް ފަސް ޓޫރިސްޓުން މަރުވުމުގެ ހާދިސާއެއް ހިނގި އެވެ. މި ހާދިސާގެ ސަބަބުން ރާއްޖޭގެ ޑައިވިން ގަވައިދުތައް ހަރުދާ ކޮށްފައިވެ އެވެ.

ދުވަހަކީ މޫސުން ރީތި ދުވަހެވެ. ތާރީހަކީ 19، ޖެނުއަރީ 1993 އެވެ. ލ. އަތޮޅުގައި އޮތް އެންރިކާ ސަފާރީ ފަސް ޑައިވަރުން މޫދަށް އެއް ފުންމާލަކީ ދިވެހިރާއްޖޭގެ ގަނޑުއަޑީގެ ބަގީޗާ ދެކިލާށެވެ. ކަނޑުއަޑި ދެކެލަން އޮތް ޝައުގުވެރިކަމާއި ކަނޑުގެ އަޑި ބަލައިލަން ހުރި ފޯރީގަ އެވެ. ނަމަވެސް އިރުކޮޅެއް ފަހުން މުޅި ރާއްޖެ ހިތް މޮޅިކޮށްލީ ހިތާމަވެރި ހަބަރަކުންނެވެ. ލ. ގާދޫކަނޑުއޮޅި އަށް ފޭބި އިޓަލީގެ ފަސް ޓޫރިސްޓުން މަރުވި ހަބަރު ދުނިޔޭގެ ސުރުހީތަކަށް އެރި އެވެ. މިއީ މީގެ 33 އަހަރު ކުރީގެ ހާދިސާ އެކެވެ. މިއަދު އަނެއްކާ ވެސް މިވަނީ ޑައިވިންގައި އެފަދަ ހިތާމަވެރި ހާދިސާއެއް ހިންގާގަ އެވެ. ވ. އަލިމަތާ ކައިރީ 60 އަކަށް މީޓަރު ފުނަށް، ފީނި ފަސް ޓޫރިސްޓުންގެ ފުރާނަ ދިޔަ ހަބަރާއެކު މިވަނީ އަނެއްކާ ވެސް އެތައް ސުވާލުތައް ފުނި ޖެހިގަ އެވެ.
މި ހާދިސާ ހިނގާފައިވަނީ 30 މީޓަރަށްވުރެ ފުނަށް ހާއްސަ ހުއްދައެއްގެ ދަށުން ފީނަށް ހުއްދަ ދޭން ސަރުކާރުން މަސައްކަތް ކުރަމުން ދަނިކޮށެވެ. މިކަން ހާމަކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. މިނިސްޓަރު ތޯރިގު މަގާމުން ދުރުކުރުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ޓޮޕިކަށް ވާހަކަ ދައްކަވާފައިވެ އެވެ. އެހެންވެ އެނގޭ ކަމަކީ ހާއްސަ ހުއްދަ އާއި އާލާތްތަކާއެކު ކުރާ ޑީޕްޑައިވް އަށް ހުއްދަ ދޭން މަސައްކަތް ތަކެއް ދަނީ ކުރަމުންނެވެ. ނަމަވެސް ޖަވާބު ނުލިބޭ ސުވާލަކީ މި ފަސް ޓޫރިސްޓުން އިއްޔެ ފީނި ގޮތަކާމެދު އެވެ. އެއް ސުވާލަކީ 30 މީޓަނަށްވުރެ ފުނަށް ފީނީ އެކަމަށް ނަގަން ޖެހޭ ހުއްދަތައް ހޯދައިގެން ހެއްޔެވެ؟
މި ސުވާލު ޑައިވިންގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ފަރާތްތަކުން ވެސް ދަނީ ކުރަމުންނެވެ. މައިގަނޑު ގޮތެއްގައި ޖަވާބު ލިބެން ޖެހޭ އެއް ސުވާލަކީ ވެސް އެވެ.
ރާއްޖޭގައި ރިކްރިއޭޝަން ޑައިވިން ނުވަތަ އާއްމުކޮށް މި ކުރާ ޑައިވިން ކުރަން ހުއްދަ އޮންނަނީ 30 މީޓަރަށެވެ. މިއަށްވުރެ ފުނަށް ފީނާނަމަ ހުއްދަ ހޯދަން ޖެހެ އެވެ. އެ ނޫން ގޮތަކަށް މިކަމެއް ނުކެވޭނެ އެވެ. ނަމަވެސް ހިތާމައަކީ ބައެއް ސަފާރީތަކުން މިކަން ކުރަމުން ދިއުމެވެ. ބައެއް ސަފާރީތަކީ ފުލް ކޮންޓްރޯލް ބިދޭސީންގެ އަތްމަތީގައި އޮންނަ ސަފާރީތަކެވެ. ހާއްސަކޮށް އިޓަލީ މީހުންނަކީ ގިނަ ސަފާރީތައް "ކުއްޔަށް" ނަގައިގެން "އޭގެ ވެރިން" ގެ ގޮތުގައި ތިބި ބައެކެވެ.
ރާއްޖޭގެ މަޝްހޫރު ޑައިވްރެއް ކަމަށްވާ މޫދު ބުޅާ ޑައިވް ސެންޓަރުގެ ވެރިޔާ ޒޫނާ ނަޝީމް ވިދާޅުވެފައިވާ ގޮތުގައި ސްކޫބާ ޑައިވިންގްގެ ގަވާއިދުތަކާއި އުސޫލުތަކަށް އިހުތިރާމްކުރާނަމަ، މިއީ ވަރަށް ރައްކާތެރި ކުޅިވަރެކެވެ. ފީނުންތެރިން ފުން ސަރަހައްދުތަކަށް ދާން ބޭނުންނަމަ އެކަމަށް ހާއްސަ ތަމްރީނު ހޯދައި ރަނގަޅު އާލާތްތައް ހުންނަން ލާޒިމް ކުރެ އެވެ.

"ފުން ތަންތަނާއި ހޮހަޅަތައް ބަލައިލުމަށް ހާއްސަ ތަމްރީނު ބޭނުންވަނީ އެކަމުގައި ހުރި ނުރައްކާތައް ބޮޑުވީމަ،" ޒޫނާ ވިދާޅުވެފައިވެ އެވެ.
މިހާތަނަށް ދިވެހި ސަރުކާރުން ނުވަތަ ކަމާބެހޭއެއްވެސް ފަރާތްތަކުން މިކަމުގައި މާކަގިނަ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް ދިވެހި ސިފައިންގެ ކޯސްޓްގާޑުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގުމާއެކު ސަފާރީ ޑައިވަރުންގެ މަސައްކަތުން އެކެއްގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ކޭވްއެއްގެ ތެރެއިންނެވެ. އެހެންވެ ސިފައިން ލަދާ ކުރަނީ ބާކީ ތިބި މީހުން ތިބީ ކޭވްގެ އަޑީގަައި ތާށިވެފަ އެވެ.
ގިނަ ސުވާލުތަކެއް - ޖަވާބު ބޭނުވާ އަނެއް ސުވާލަކީ އެވެ. މިހާ ފުނަށް މި މީހުން ދިޔައިރު އެކަށީގެންވާ އޮކްސިޖަން އާއި އާލާތްތައް ގެންދިޔަ ހެއްޔެވެ؟ ނޫނީ 30 މީޓަރު ޑައިވްއަކަށް ފައިބާފައި ހިޔާލު ބަދަލުކޮށް ފުނަށް ފީނީ ހެއްޔެވެ؟ މި މީހުންނާއެކު އެކަށީގެންވާ ތަމްރީން ލިބިފައިވާ ޑައިވް ގައިޑެއް ދިޔަ ހެއްޔެވެ ؟ އޭނާ ވެސް މި ހާދިސާގައި ތާށިވީ ހެއްޔެވެ؟ މި ފަދަ ފުން އަނދިރި ކޭވްއެއްގެ ތެރެެއަށް ވަންނައިރު، ކުރިން އެތަން ދަސް ނުކުރަނީ ހެއްޔެވެ؟
މި ކޭވްގެ ތެރެއަށް އެތައް ފަހަރަކު ޑައިވްކޮށްފައިވާ ޝަފްރާޒް ވިދާޅުވެފައިވާ ގޮތުގައި މި ހޮހަޅައަށް އެކި ފަހަރުމަތިން ފީނާފައިވާއިރު، ކޭވްއަކީ ގާތްގަނޑަަށް 55 އާއި 58 މީޓަރުގެ ފުނުގައި އޮންނަ ތަނެކެވެ.
"މި ކޭވް [ހޮހަޅަ] އަށް އެކި ފަހަރުމަތިން، އެކަމަށް ބޭނުންވާ އެކަށީގެންވާ އާލާތްތަކާއި ގޭސް ބޭނުންކޮށްގެން ފީނާފައިވާނެ. ހޮހަޅައިގެ އެތެރެއަށް ގާތްގަނޑަކަށް 100 މީޓަރަށް ދެވޭއިރު، އެތަނުން ދެކަފިވެ، އިތުރަށް ފުންވާނެ. މިއީ އާދައިގެ އޮކްސިޖަންގައި ބޭނުންކޮށްގެން، ނުވަތަ ޓެކްނިކަލް ޑައިވިންގާއި ކޭވް ޑައިވިންގް ތަމްރީނު ނެތި ފީނަންވާވަރުގެ ތަނެއް ނޫން." ކުރިން ދިވެހި ސިފައިންގެ ޑައިވަރެއްގެ ގޮތުގައި ވެސް ހަރަކާތެރިވި ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނައީމް ވިދާޅުވި އެވެ.

ޒޫނާ ވިދާޅުވީ މިހާރު "ޓެކްނިކަލް ޑައިވިން" މެދުވެރިކޮށް މި ފުރުސަތު އޮންނަ ކަމަށާ އެހެންކަމުން، ރަނގަޅު ތަމްރީނު ހޯދުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި އޭނާ ވިދާޅުވެފައިވާ ގޮތުގައި ޒިންމާދާރު ޑައިވް ގައިޑުންނާއި އޮޕަރޭޓަރުންނަށް މިފަދަ ހިތާމަވެރި ހާދިސާތައް ހުއްޓުވިދާނެ އެވެ.
މި ހާދިސާ ހިނގި ސަބަބެއް މިވަގުތު ބުނަން ނޭނގުނުނަމަވެސް ކޯސްޓް ގާޑުން ވަނީ މަރުވެފައިވާ މީހުން ސަލާމަތް ކުރުމުގެ "ރިސްކީ އޮޕަރޭޝަން" ފަށާފަ އެވެ. މި ދުވަސްވަރު މޫސުން ވެސް ގޯސްނަމަވެސް ސިފައިން ދަނީ އެ މަސައްކަތް ކުރަމުންނެވެ. ސިފައިން ބުނެފައިވާ ގޮތުގައި ތާށިވެފައިވަނީ 200 ފޫޓުގައި ކަމަށް ބެލެވެ އެވެ. އެހެންވެ ޝަފްރާޒުގެ ތަޖުރިބާ އާއި ސިފައިންގެ ވާހަކަތަކުން ބެލެވެނީ އެމީހުން ފުނަށް ފީނާފައިވުމެވެ.

ހިތާމަވެރި މި ހާދިސާއާ ގުޅިގެން ޒޫނާ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ރެކްރިއޭޝަނަލް ޑައިވިންގް ގަވާއިދުތަކުގެ ދަށުން، ފީނޭނެ އެންމެ ފުން މިނަކީ 30 މީޓަރު ކަމަށް ކަނޑައަޅާފައިވަނީ ސީދާ ފީނުންތެރިންގެ ރައްކާތެރިކަމަށްޓަކަ އެވެ. މިފަދަ ހިތާމަވެރި ހާދިސާތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަކީ ގަވާއިދުތަކަށް އިހުމާލުވުމެވެ. ޒޫނާ ވަނީ މި ހާދިސާއާ ގުޅިގެން ފެތުރެމުންދާ ދޮގު މައުލޫމާތު ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން މިކަން ފުރިހަމައަށް ތަހުގީގު ކުރަން ގޮވާލާފަ އެވެ.
"ފެތުރެމުންދާ ދޮގު މައުލޫމާތުތައް ހުއްޓުވުމަށްޓަކައި، މިފަދަ މައްސަލަތައް ތަހުގީގުކޮށް އޭގެ ތަފްސީލު އާންމުންނާ ހިއްސާކުރުމަށް ފުލުހުންނަށް އަޅުގަނޑުމެން އިލްތިމާސްކުރަން. އަދި މިފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި، އެކަމުގައި ޒިންމާވާ ޑައިވް ގައިޑުންނާއި އޮޕަރޭޓަރުންނާ މެދު ފިޔަވަޅު އަޅަންޖެހޭ،" ޒޫނާ ވިދާޅުވި އެވެ.
އިޓަލީގެ ނޫސްތަކުގައިވާ ގޮތުން ހިތާމަވެރި މި ހާދިސާގައި މަރުވެފައިވާ އެކަކީ ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރަކެކެވެ. އޭނާއަކީ އިޓަލީގެ މަޝްހޫރު ޓީވީ ޝަހުސިއްޔަތެއްގެ އިތުރުން މެރިން ޕްރޮފެސަރެކެވެ. އެހެންވެ ބޮޑަށް ބެލެވެނީ މި މީހުންނަކީ މީގެ ކުރިންވެސް ފުނަށް ފީނާ ބައެކެވެ. އިޓަލީގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުން ދެން މަރުވެފައިވަނީ އޭނާ 20 އަހަރުގެ އަންހެން ދަރިފުޅާއި އިޓަލީގެ ޓޫރިންއަށް ނިސްބަތްވާ މިއުރިއަލް އޮޑެނީނޯ އާއި ޕަޑުއާގެ ޖިއަންލޫކާ ބެނެޑެޓީގެ އިތުރުން ބޯގޯމަނޭރޯ އަށް ނިސްބަތްވާ ފެޑެރިކޯ ގުއަލްޓިއޭރީ އެވެ. މި އެންމެންނަކީ ވެސް ކުރިން ފީނާ މީހުންނެވެ.
މި ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާގެ ފުރިހަމަ ތަހުގީގެއް ބޭނުންވެ އެވެ. މިކަމުގައި ސަރުކާރާއި ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރުން ބައިވެރިވާން ޖެހެ އެވެ. އަދި މިކަން ދިމާވި ހަގީގީ ސަބަބު ސާފުކޮށްދޭން ޖެހެ އެވެ. އަދި ޒިންމާވާ މީހުންނަށް އަދަބު ލިބެން ޖެހެ އެވެ. މި ނޫން ގޮތަކަށް މިކަން ކޮށްފިނަމަ މިއީ ރާއްޖޭގެ އިގްތިސޯދުގައި ޖެހިގެންދާނެ ބޮޑު ލައްގަނޑަކަށްވާނެ އެވެ.