ރައީސް ތިން ރައީސުންނަށް ރައްދު "ހުސް ފެއިލިއަރުން"

ކުރީގެ ތިން ވެރިކަމުގައި ވެސް ރައްޔިތުންނަށް ފެނިފައިވަނީ އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި ފަސާދަކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު. --ފޮޓޯ: މިހާރު

ނޫސްވެރިކަމުގެ ދިފާއުގައި ކަމަށް ވިދާޅުވެ، ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރައްވަން ނިންމެވުމާ ގުޅިގެން، އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ. 

'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން މިނިވަން ކުރުމަށް ގޮވާލައި އެމްޑީޕީން އިސްވެ ކުރަމުންދާ މުޒާހަރާތަކުގައި ޔާމީންގެ ޕީއެންއެފުން ވެސް ވަނީ ބައިވެރިވެފަ އެވެ.

އެ ދެ ނޫސްވެރިން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.

ނޫސްވެރިންގެ ދިފާއުގައި އެއްގަލަކަށް އެރުމަށް، މިއަދުގެ ވަގުތެއްގައި ތިން ރައީސުން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަން ވަނީ އެނގިފަ އެވެ.

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ "ދެއުޅިއެއް ނުވާ ބަޔަކު" ގައުމުގެ ހައްގުގައި ވާހަކައެއް ދައްކައިގެން ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. 

"...އެކަކު އަނެކަކުގެ ކަރުގައި ހިފައި، އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި ތިބި ފަރާތްތަކެއް އެއްވެގެން ގައުމޭ ކިޔާފައި ވާހަކަ ދައްކާއިރު ހުސް ފެއިލިއަރުން މި ތިބީ،" ކުރީގެ ތިން ރައީސުންނަށް ނުސީދާކޮށް ރައްދު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

"ހުސް ފޭލިއަރުން ނުކުމެ ގައުމުގެ ވާހަކަ ދެއްކީމަ އަޅުގަނޑު ހިތުން އަޅުގަނޑުމެން ޒުވާން ކުދިން މިކަން އެނަލައިޒް ކޮށްލާއިރު ދޭ ވިލް ބީ ވެރީ ހަމަ ޑިޕްރެސްޑް."

ކުރީގެ ތިން ވެރިކަމުގައި ވެސް ރައްޔިތުންނަށް ފެނިފައިވަނީ އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި ފަސާދަކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.