އެހެންކަމުން ބާކީ ތިބި ހަތަރު ފަތުރުވެރިން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގަ އެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިން ވީ ކަމަށް ބެލެވެނީ ކަނޑުގެ 60 މީޓަރު ފުނުގައި ހުންނަ ކޭވްއެއް ތެރޭގައި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ސަފާރީއެއްގައި މިއަދު މެންދުރު ޑައިވިނަށް ފޭބި އިޓަލީގެ ފަސް ފަތުރުވެރިން ގެއްލިގެން ހޯދަމުން ދަނިކޮށް އެތަނުން އެކެއްގެ ހަށިގަނޑު މިހާރު ވަނީ ފެނިފަ އެވެ. އެމީހާގެ ހަށިގަނޑު މިއަދު އިރުއޮއްސި 18:13 ހާއިރު ވަނީ ވ.ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފަ އެވެ.
އެމްއެންޑީއެފް އިން ބުނީ އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށެވެ.
އެހެންކަމުން ބާކީ ތިބި ހަތަރު ފަތުރުވެރިން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގަ އެވެ.
"މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައި،" އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ބުނެފައި ވަނީ ފަސް ފަތުރުވެރިންވެސް މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ. ނަމަވެސް އެއީ މައުލޫމާތުގެ އޮޅުމަކުން ދެވުނު މައުލޫމާތެއް ކަމަށް ބުނެ، އެ ކުށް ވަނީ އިސްލާހު ކޮށްފަ އެވެ.