ޗާޓަޑް ބޭންކަ ޕްރޮގްރާމް ހިންގަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ޚާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށެވެ.

ބޭންކް އޮފް މޯލްޑިވްސްގައި ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ފަންނީ މުވައްޒަފުން އިތުރުކުރުމުގެ މަގުސަދުގައި، އެ ބޭންކުގެ "ޗާޓަޑް ބޭންކަ ޕްރޮގްރާމް" ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ބޭންކަރުން ބިނާކުރުމަށްޓަކައި ޗާޓަޑް ބޭންކިން ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް ޖަނަވަރީ 2026 ގައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކާސް (އޭއައިސީބީ) އާއެކު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބޭންކް އޮފް މޯލްޑިވްސްގެ 30 މުވައްޒަފުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މުވައްޒަފުން ކޯސް ފުރިހަމަކުރާނެ އެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކް އަބަދު ވެސް ގަބޫލުކުރާ ގޮތުގައި ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ އަޅުގަނޑުމެންގެ މުވައްޒަފުން. މެދުނުކެނޑި ފަންނީ ތަރައްގީއަށް ކުރެވޭ މަސައްކަތަކީ މި މުއައްސަސާ ވަރުގަދަކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ލިބޭ އިލްމާއި ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލިބިގެންދާނެ މުހިންމު ބާރެއް ކަމުގެ ޔަގީންކަން އެބައޮތެވެ.
ޗާޓަޑް ބޭންކަ ޕްރޮގްރާމް ހިންގަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ޚާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށެވެ. މިއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ބޭންކަށް ގެންނަމުންދާ ބަދަލުތަކަށް ތަންފީޒުކުރުމަށާއި، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ދެމުންދާ އަހުމިއްޔަތު ހާމަކޮށްދޭ އިންވެސްޓްމަންޓެކެވެ.