އާދަމް ޝަރީފް ގަތަރުގެ ސަފީރަކަށް އަދި ތޯރިގު ޔޫއޭއީގެ ސަފީރަކަށް އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ރާއްޖޭން ގަތަރަށް ކަނޑައަޅާ ސަފީރުކަމަށް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ޔޫއޭއީގެ ސަފީރުކަމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން މިއަދު ހުށަހަޅައިފި އެވެ.
ތޯރިގާއި އާދަމް ޝަރީފަކީ މި ސަރުކާރުން ފުރަތަމަ އެކުލަވައިލި 22 މިނިސްޓަރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ. ނަމަވެސް މިދިޔަ މަހުގެ 14 ވަނަ ދުވަހު ކުއްލި ގޮތަށް މަގާމުން އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭގައި އެ ދެ ބޭފުޅުން ހިމެނެ އެވެ.
އޭގެފަހުން، އެ ދެ ބޭފުޅުން ވަނީ މިނިސްޓަރުންގެ ފެންވަރުގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނުކުރައްވައިފަ އެވެ.
އާދަމް ޝަރީފް ގަތަރުގެ ސަފީރަކަށް އަދި ތޯރިގު ޔޫއޭއީގެ ސަފީރަކަށް އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.
ޔޫއޭއީގެ ސަފީރުކަމުގެ މަގާމު ހުސްވީ، އެ ގައުމުގައި ސަފީރަކަށް ހުންނެވި މުހައްމަދު ހުސެއިން ޝަރީފް ކުއްލި ގޮތަކަށް ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމަށް އައްޔަނުކުރެއްވުމުންނެވެ.
މި ސަރުކާރުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް އުފައްދަވާފައިވިޔަސް، އެ ގައުމަށް މިހާތަނަށް ސަފީރަކު އައްޔަނުކޮށްފައެއް ނުވެ އެވެ.