އެމްޕީއެލް އިން ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް "އައްޑޫ ރީޖަނަލް ފްރީ ޒޯން" މުދާ ރައްކާކުރުމާއި ފްރީ ޒޯންއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލާފަ އެވެ.

އައްޑޫ ސިޓީގައި ޤާއިމްކުރާ "އައްޑޫ ރީޖަނަލް ފްރީ ޒޯން" ގައި މުދާ ރައްކާކުރުމާއި ފްރީ ޒޯންއާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެ ސަރަހައްދުން ޖާގަ ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (އީއޯއައި) ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
ރާއްޖޭގެ އިޤްތިސާދީ ތަރައްޤީގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްޤީގެ މަގުތަކެއް ހޯދައި، ވިލުންތެރި އިޤްތިސާދެއް ބިނާކުރުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އައްޑޫ ސިޓީގައި "ފްރީ ޒޯން" ޤާއިމްކުރުމުގެ މަސައްކަތް ފެށީ މި އަހަރުގެ ތެރޭގައެވެ.
އެމްޕީއެލް އިން ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް "އައްޑޫ ރީޖަނަލް ފްރީ ޒޯން" މުދާ ރައްކާކުރުމާއި ފްރީ ޒޯންއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމަށް ހުޅުވާލާފަ އެވެ. އަދި "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅާ މުއްދަތު ހަމަވުުމުން، ޝައުގުވެރިވާ ވިޔަފާރިތަކަށް ކުރަން ބޭނުންވާ މަސައްކަތާއި ގުޅޭ ތަފްސީލާއި، ބޭނުންވާ ބިމުގެ ބޮޑުމިނާއި ބިމުގެ ލީސް އެއްބަސްވުމާއި ގުޅޭ ތަފްސީލުތައް ހިމެނޭ ގޮތަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެއެވެ. "އައްޑޫ ރީޖަނަލް ފްރީ ޒޯން" ސަރަހައްދުން ބިން ލިބޭ ވިޔަފާރިތައް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު އެވެ.
ޓެރިފް ކަނޑައަޅާފައިވާ ބިންތަކަކީ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ވިޔަފާރިތަކަށް ކަނޑައެޅިގެންދާނެ ބިންތަކެކެވެ. އެގޮތުން، ބިން ކަނޑައެޅިގެންދާނީ މި ސަރަހައްދުގައި ކުރެވެ ސިނާއީ މަސައްކަތާއި، މުދާ ތައްޔާރުކުރުމާއި، އެސެމްބެލްކުރުމާއި ގުދަންކުރުން އަދި ލޮޖިސްޓިކްސްގެ އެކި މަސައްކަތްތަކަށެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި "އައްޑޫ ރީޖަނަލް ފްރީ ޒޯން"ގެ ޚިދުމަތަށް ޝައުގުވެރިވާ ވިޔަފާރިތަކުން bussiness@port.mv އަށް އީ-މެއިލް މެދުވެރިކޮށް އީ.އޯ.އައި ހުށަހެޅުމަށް އެެދެމެވެ. އަދި އީ.އޯ.އައި އާއެކު މި ޚިދުމަތާ ގުޅޭގޮތުން މި ކުންފުނިން ދީފައިވާ ސާވޭ ފޯމް މެދުވެރިކޮށެވެ.
"އައްޑޫ ރީޖަަނަލް ފްރީ ޒޯން" ގާއިމްކުރުމަށް އެމްޕީއެލް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި ސަރުކާރުގެ ކަމާއިބޭހޭ އެހެނިހެން ވުޒާރާތަކާއި މުޢައްސަސާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
ސަރުކާރުން ވަނީ އައްޑޫ ސިޓީ އަކީ ވިޔަފާރީގެ ހަބަކަށް ހެދުމަށް ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރުކޮށް ކުރިއަރުވައި، ތަރައްޤީކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ރާއްޖޭގެ މިކަމަށް ޚާއްސަކުރާ ފުރަތަމަ ސަރަހައްދަކަށް އައްޑޫ ސިޓީ (ހުޅުދޫ އާއި މީދޫ ހިމެނޭހެން) ވަނީ ކަނޑައަޅައިފައެވެ.