ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން ކޮލެބް 26 ހެކަތަން، ބައިވެރިވާން ފުރުސަތު

މި ހެކަތަންއަކީ މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އުފެއްދި ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރުގެ މައިގަނޑު އެއް ހަރަކާތެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ކޮލެބް 26 ހެކަތަން' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލްއިން ބުނީ މި ހެކަތަންގެ މަގްސަދަކީ މެންޓަރުންގެ އެހީތެރިކަމާއެކު، ޑިޖިޓަލް ޚިޔާލުތައް އަމަލީ މަސައްކަތްތަކަކަށް ބަދަލުކޮށް، ޕްރޮޓޯޓައިޕްތަކެއް އުފެއްދުމެވެ.

މި ހެކަތަން ކުރިއަށްދާނީ މި ދެ މުއައްސަސާ ގުޅިގެން އަލަށް އުފެއްދި 'ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު' ގެ ދަށުންނެވެ. މިއީ 'ކޮލެބް 26' ކޮންފަރެންސްގެ ފުރަތަމަ ދެ ދުވަހުގެ ނަތީޖާގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ ހަރަކާތެކެވެ. ބައިވެރިން ޓީމުތަކަށް ބެހިގެން، ކަނޑައެޅިފައިވާ ދެ ދާއިރާއަކުން (ޓްރެކް) އަމަލީ ގޮތުން ބޭނުންކުރެވޭނެ ފަދަ ސޮލިއުޝަންތަކެއް ތަރައްގީކުރާނެއެވެ. 

ޓްރެކް 1 - ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރުން – މި ދާއިރާގެ ދަށުން ޓީމުތަކުން މަސައްކަތް ކުރާނީ ތައުލީމީ، ސިއްހީ، އިޖުތިމާއީ ރައްކާތެރިކަން، ދައުލަތުގެ މާލިއްޔާ، ތިމާވެށި އަދި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށެވެ. އަމާޒަކީ އޭއައި ބޭނުންކޮށްގެން ޚިދުމަތްތައް އަވަސްކުރުމާއި، ހިންގުން ހަރުދަނާކުރުމުގެ އިތުރުން، މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެ ވަސީލަތްތައް އުފެއްދުމެވެ.

ޓްރެކް 2 - ސްވައިޕް އޭޕީއައި މެދުވެރިކޮށް ފިންޓެކް އީޖާދުތައް – ބީއެމްއެލްއާ ގުޅިގެން ކުރިއަށްގެންދާ މި ދާއިރާގައި، ބައިވެރިންނަށް 'ސްވައިޕް އޭޕީއައި' ބޭނުންކޮށްގެން އައު ޖީލުގެ މާލީ އެޕްލިކޭޝަންތައް ފަރުމާކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި ޓްރެކްގެ މައިގަނޑު އަމާޒަކީ ޑިޖިޓަލް ޕޭމަންޓްތައް އަވަސްކުރުމާއި، މާލީ ޚިދުމަތްތައް އެންމެންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ.

މި ހެކަތަންއަކީ މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އުފެއްދި ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރުގެ މައިގަނޑު އެއް ހަރަކާތެވެ. މިއީ 'މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން' އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަޝްރޫއެކެވެ. 

ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ބައްޓަންކުރުމަށް ޝައުގުވެރިވާ ޑިވެލޮޕަރުން، ޑޭޓާ ސައިންޓިސްޓުން، އެކި ދާއިރާތަކުގެ ތަޖުރިބާކާރުން، ދަރިވަރުން އަދި ވިޔަފާރިވެރިންނަށް 'ކޮލެބް 26' ގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ހެކަތަންގެ އިތުރު ތަފްސީލާއި މެންޓަރުންގެ މައުލޫމާތު ހިއްސާކުރެވޭނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.