މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ފުރަތަމަ ދައުރު ނިމޭނީ މެއި 15 ގަ އެވެ. އެހެންކަމުން މާދަމާގެ ޖަލްސާއަކީ މި ހިނގާ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ 9:00ގައި ފެށުމަށް ބޭނުންވާ އަދަދަށް މެމްބަރުން ނެތް ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވި އެވެ.
އެއާ އެކު، ކޯރަމް ހަމަވޭތޯ ބަލަން ނާޒިމް ވަނީ 10:00 ޖަހައިރަށް ޖަލްސާ ފެށުން ފަސްކުރައްވައިފަ އެވެ.
ނަމަވެސް، 10:20 ވީ ފަހުން ވެސް ކޯރަމް ހަމަނުވާތީ، ނާޒިމް ވަނީ މިއަދުގެ ޖަލްސާ ކެންސަލް ކުރެއްވިކަން އިއުލާނުކުރައްވައިފަ އެވެ.
މަޖިލީހުގެ މިއަދު ޖަލްސާއަށް ބޭރު ގައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން އޮތީ އެޖެންޑާ ކޮށްފަ އެވެ.
އަދި ސައިބާ ސެކިއުރިޓީގެ ބިލާއި ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ވެސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
މީގެއިތުރުން، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، އިޖްތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުން ވެސް މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމެނެ އެވެ.
ނާޒިމް ވަނީ މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް އިއުލާނު ކުރައްވައިފަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ފުރަތަމަ ދައުރު ނިމޭނީ މެއި 15 ގަ އެވެ. އެހެންކަމުން މާދަމާގެ ޖަލްސާއަކީ މި ހިނގާ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ އެވެ.