މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގ 14 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުންތައް ހުށަހަޅަންޖެހެ އެވެ، މުބާރާތުގެ އިނާމަކީ އެއް ލައްކަ ރުފިޔާ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގެ ރަސްމީ ފައިނޭންޝަލް ލިޓްރަސީ ބްރޭންޑް އައިޑެންޓިޓީއާއި މެސްކޮޓް ޑިޒައިންކުރުމަށް މުބާރާތެއް ހުޅުވާލައިފި އެވެ.
އެމްއެމްއޭ އިން ބުނީ މި އިނީޝިއޭޓިވްގެ ބޭނުމަކީ މުޅި ރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދޭނެ، ވަރުގަދަ އަދި ފަސޭހައިން ވަކިކުރަން އެނގޭނެ ގައުމީ އައިޑެންޓިޓީއެއް ބިނާކުރުމެވެ.
މި މުބާރާތުގެ މަގުސަދަކީ ޒިންމާދާރު މާލީ އާދަތައް ކުރިއަރުވައި، މާލީ ނިންމުންތައް ނިންމުމުގެ ބާރު ލިބި ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ހާއްސަކޮށް ޒުވާނުންގެ މެދުގައި ރަނގަޅު މާލީ އާދަތައް އަށަގެންނެވުމަށް މަގުފަހިކޮށްދޭނެ ފުރިހަމަ ބްރޭންޑިން ނިޒާމެއް އެކުލަވައިލުމެވެ. މީގެ ތެރޭގައި ހިމެނެނީ މެސްކޮޓް ފައިނޭންޝަލް ލިޓްރަސީގެ ބްރޭންޑް ލޯގޯ އަދި ޓައިޕޯގްރަފީ ފަރުމާކުރުން ވެސް ހިމެނެ އެވެ.
މި މުބާރާތުގެ މައިގަނޑު އަމާޒަކީ ދިވެހިންނަށް ފަސޭހައިން ދެނެގަނެވޭނެ އަދި ސަގާފީ ގޮތުން ގުޅުންހުރި އައިޑެންޓިޓީއެއް ގާއިމުކުރުމެވެ. މި ބްރޭންޑާއި މެސްކޮޓް މެދުވެރިކޮށް ފައިސާ ރައްކާކުރުމާއި ބަޖެޓުކުރުމާއި ޑިޖިޓަލް ފައިނޭންސް މާލީ ދުޅަހެޔޮކަން އަދި ޒިންމާދާރުކަމާއެކު ފައިސާ ބެލެހެއްޓުން ފަދަ މުހިންމު ދާއިރާތަކުން މުޅި ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ވަރުގަދަކުރުމަށް އެމްއެމްއޭ އިން އުންމީދުކުރެ އެވެ. އަދި އެ އޮތޯރިޓީގެ އުންމީދަކީ ފައިނޭންޝަލް ލިޓްރަސީ މެސްކޮޓަކީ މީހުންނާ ގާތް، ހަނދާން ބަހައްޓަން ފަސޭހަ، އަދި ބުއްދިވެރި މާލީ ނިންމުންތަކަށް މީހުން އަހުލުވެރިކުރުވައި ހިތްވަރުދޭނެ އެކުވެރިއަކަށް ވެގެންދިއުމެވެ.
މި މުބާރާތުގެ އަނެއް މަގުސަދަކީ ސްކޫލުތަކާއި ކޮމިއުނިޓީ ޕްރޮގްރާމްތަކާއި މީޑިއާ ކެމްޕެއިންތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކާއި، ތަޢުލީމީ ވަސީލަތްތަކާއި، ޢާންމު އިވެންޓްތަކުގައި މެދުނުކެނޑި ބޭނުންކުރެވޭނެ ވިޝުއަލް ނިޒާމެއްގައި މާލީ ހޭލުންތެރިކަމުގެ މެސެޖުތައް ޝައުގުވެރިކުރުވައި މިހާރަށްވުރެ ބޮޑަށް މީހުންނަށް ފެންނާނެ ގޮތް ހެދުމެވެ.
ގިނަ ފަރާތްތަކަށް ފުރުސަތު - ދިވެހި ފަރުދުންނަށާއި ގްރޫޕްތަކަށާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ބާރުއަޅަނީ، ދިވެހިވަންތަކަން ރަމްޒުކޮށްދޭ، ހުރިހާ ދާއިރާއަކަށް ފެތޭ، ޒަމާނީ އަދި ފަސޭހައިން ވަކިކުރަން އެނގޭ ފަދަ އުފެއްދުންތެރި ފަރުމާތަކަކަށެވެ. މުބާރާތުން ހޮވޭ އެންމެ ފުރިހަމަ ފަރުމާ އަކީ ރާއްޖޭގެ މާލީ ހޭލުންތެރިކަމުގެ ރަސްމީ ބްރޭންޑަށް ވެގެންދާއިރު، މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގ 14 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުންތައް ހުށަހަޅަންޖެހެ އެވެ، މުބާރާތުގެ އުސޫލުތައް އެމްއެމްއޭގެ ވެބްސައިޓުން ލިބޭނެ އެވެ.