އަޑުއެހުން އޮތީ މާދަމާ މެންދުރު 1:00 ގައި

ރައީސް ޑރ، މުހައްމަދު މުއިއްޒު ގަފުޒުކުރިކަމުގެ ތުހުމަތުގައި "އަދަދު" ގެ ދެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ތާވަލު ކޮށްފި އެވެ.
އެ ނޫހުން ހެދި ޑޮކިއުމެންޓްރީއެއްގެ މައްސަލާގައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ދައުވާ އުފުލާފައި ވަނީ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ ހަސަން މުހައްމަދުގެ މައްޗަށެވެ.
އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން އޮތީ މާދަމާ މެންދުރު 1:00 ގަ އެވެ. އަދި އެ މައްސަލަ ބައްލަވަނީ ގާޒީ އިބްރާހީމް ޒިހުނީ އެވެ.
އެ މައްސަލައާ ގުޅިގެން އަދަދުގެ އެހެން ދެ ނޫސްވެރިއަކު ވެސް ވަނީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފަ އެވެ. އެއީ އެ ޑޮކިއުމެންޓްރީ އާ ގުޅޭ ވާހަކަ ދެއްކުން މަނާ ކުރަން އެ ކޯޓުން އަމުރު ކޮށްފައި ވަނިކޮށް ހަބަރެއް ލިޔުނު މައްސަލަ އާއި ރައީސް އާ އެކަމާ ގުޅޭ ގޮތުން ސުވާލެއް ކުރި މައްސަލައިގަ އެވެ.
އެ ދެ ނޫސްވެރިންގެ އަޑުއެހުން ކުރިޔަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ.