މާލެ ސަރަހައްދުން ބިން ލިބިފަ ހުރީ 10،700 ފްލެޓަށް، އިތުރު ބިން ލިބޭތޯ ބަލަނީ

ނަމަވެސް، މުއްތަލިބު ވިދާޅުވި ގޮތުގައި، އެޗްޑީސީ އާ ވެސް މަޝްވަރާކޮށްގެން މާލެ ސަރަހައްދުން އިތުރު ބިން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަހައްދުގައި ސަރުކާރަށް ބިން ލިބިފައިވަނީ 10،700 ފްލެޓު އެޅޭ ވަރަށް ކަމަށާއި، އިތުރު ބިން ލިބޭތޯ ބަލަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ މި ސަރުކާރުން މާލޭ ސަރަހައްދުގައި 3،260 ފްލެޓުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަޅާ 540 ހައުސިން ޔުނިޓާއި، އިންޓަރެސްޓް ފްރީ ލޯނެއްގެ ތެރެއިން 500 ޔުނިޓުގެ އިތުރުން ސައުދީ ފަންޑުގެ އެހީގައި 400 ފްލެޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން ގުޅިފަޅުގައި 4،000 ހައުސިން ޔުނިޓް އެޅުމަށް ކުރަންޖެހޭ ކަންކަން ވެސް މިހާރު ހަމަޖެހިފައިވާއިރު، މި ހުރިހާ މަޝްރޫއުތަކަކީ ވެސް ފައިސާ ހަމަޖެހިފައިވާ މަޝްރޫއުތަކެއް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހިލޭ ބިން ދީގެންނާއި އިތުރު ލުއިތައް ދީގެން ކޮންޓްރޯލް އަގެއްގައި ފްލެޓު ވިއްކާ ގޮތަށް ގިނަ އަމިއްލަ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

މިގޮތުން، 2،000 ފްލެޓު އެޅުމުގެ މަޝްރޫއުއެއް އިކޮނޮމިކް ކައުންސިލާ ހަމައަށް ގެންދެވިފައިވާއިރު، އިތުރު 1،000 ފްލެޓު އެޅުމުގެ މަޝްރޫއުއެއްގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު ދަންނަވާފައިވާނެ މާލޭ ސަރަހައްދުގައި ބިން ހުރި ގޮތުން އިމާރާތްކުރެވެން އަންނަނީ މިހާރު ހުރި ބިންތަކުހައި 12،000 ހައުސިން ޔުނިޓޭ. އެހެންނަމަވެސް ފޭސް ތިނެއްގެ އެއީ އެއާޕޯޓު ފްލައިޓު ޖައްސަން އަންނަ ތަނަކަށްވެފައި އެތަނުން ނެގޭ އުސްމިންތައް ތަފާތުވޭ. އެއީ ކުރިން 17 ބުރިއަށް ނެގޭނެ ކަމަށް ބެލި ތަންތަނުން ސިވިލް އޭވިއޭޝަނުން އެބަވޭ އަންގާފައި 14 ބުރިއަށް ނެގިދާނެކަމަށް،" މުއްތަލިބު ވިދާޅުވި އެވެ.

އެހެންކަމުން، މި ވަގުތު 10،700 ފްލެޓަށް ވުރެ އިތުރަށް އިމާރާތްކުރެވޭނެ ބިން ލިބިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް، މުއްތަލިބު ވިދާޅުވި ގޮތުގައި، އެޗްޑީސީ އާ ވެސް މަޝްވަރާކޮށްގެން މާލެ ސަރަހައްދުން އިތުރު ބިން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.