އެ ބިލުގެ އިބްތިދާއީ ބަހުސްގައި، ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ވަނީ މި އިސްލާހަކީ ލާމަރުކަޒީ ނިޒާމު ހިންގުމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއްގެ ގޮތުގައި ފާހަގަކުރައްވައިފަ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ދަށަށް ގެންނަން، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގެ ބޭނުމަކީ، އެލްޖީއޭގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ އޮތޯރިޓީގެ މުވައްޒަފުންގެ ދަށަށް ބަދަލުކުރުން ކަމަށް ބުނެފައިވެ އެވެ.
އެލްޖީއޭއަށް މުވައްޒަފުން ނެގުމާއި ވަކިކުރުމުގެ ޒިންމާ ގާނޫނުން މިހާރު މަތިކޮށްފައިވަނީ އެ އޮތޯރިޓީގެ ބޯޑަށެވެ.
ނަމަވެސް، ހަމަދު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ އެ ޒިންމާ ސީއެސްސީއަށް ބަދަލުކުރުމަށެވެ.
އަދި މި ބިލު ފާސްވެ، ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި، އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ބަދަލުކުރުމުގެ އިދާރީ އޮނިގަނޑު އެކުލަވައިލަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން، ހަމަދު ލާމަރުކަޒީ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި، ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ ޒިންމާތައް ރަށު ކައުންސިލްތަކާ ހަވާލުކުރުމަށް ވެސް ވަނީ ހިމަނުއްވައިފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ އެ ބިލުގެ އިބްތިދާއީ ބަހުސްގައި، ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ވަނީ މި އިސްލާހަކީ ލާމަރުކަޒީ ނިޒާމު ހިންގުމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ.
އިބްތިދާއީ ބަހުސަށް ފަހު އެ ބިލު މަޖިލީހަށް ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
އެ ބިލު ބަލައިގަންނަން ނުފެންނަކަމަށް ފަސް މެމްބަރަކު ވޯޓު ދެއްވި އެވެ.
އެ ބިލު ބަލައިގަތުމާ އެކު ރިޔާސަތުން ވަނީ އެ ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފަ އެވެ.