ދިވެހިން ނިވަލުގައި ހިންގާ ބިދޭސީ "ވަގު ވިޔަފާރި" ހޯދަން މީރާ އާއި ބޭންކަށް

މިނިސްޓަރު ސައީދު ވިދާޅުވީ އިންސްޕެކްޝަންތަކުން އެނގެނީ ދިވެހިން މިފަދަ ވިޔަފާރިތަކުގެ އަޑީގައި ތިބޭ ކަމެވެ. އެހެންކަމުން މީރާ އާއި ބޭންކްއާ ގުޅިގެން މާލީ މުއާމަލާތުގެ ނެޓްވޯކް ހޯދައި ހުއްޓުވަން ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މިނިސްޓަރު ސައީދު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ބިދޭސީން ނިވަލުގައި ތިބެން ހިންގާ ބިދޭސީ "ވަގު ވިޔަފާރި" ހޯދަން ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އެކު މަސައްކަތް ފަށާފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.

ސަރުކާރުގެ ވުޒާރާތަކުން ބިދޭސީ ވިޔަފާރި ހުއްޓުވަން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާކަމުގެ ޝަކުވާއާއެކު އެ މިނިސްޓްރީން ހިންގާ އިންސްޕެކްޓްތަކުން އެނގޭ އެއް ކަމަކީ މިފަދަ ވިޔަފާރިތަކުގެ "އަސްލު އޯނަރުން" ގެ ގޮތުގައި ހުންނަނީ ދިވެއްސެކެވެ. އެހެންކަމުން ޕްރައިވެޓް ސެކްޓަރުގެ ހިމެނޭ ބިޒްނަސް ކައުންސިލްގެ ލަފާގެ މަތިން މިފަދަ ބިދޭސީ "ވަގު ވިޔަފާރި" ތައް ހިފަން ކުރިން ގެންގުޅުނު އުކުޅުތައް ބަދަލު ކުރަން ވަނީ ނިންމާފަ އެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ އޮޕަރޭޝަނަށް ގެންނަ ބަދަލާއެކު މީރާ އާއި ބޭންކާ ގުޅިގެން އެކައުންޓް ދައުރުވާ ގޮތް ބަލަން ވަނީ ނިންމާފަ އެވެ.

"ދުވަސްކޮޅަކުން އެނގޭނެ އެ ފައިސާ އަސްލު ދައުރުވަނީ ބިދޭސީ އެކައުންޓެއްގަ ތޯ؟ ކިހާވަރެއްގެ ލިންކޭޖެއް އިނދޭ ތޯ މި ނެޓްވޯކުގެ ތެރޭގައި މިފަދަ ވިޔަފާރިތަކުގަ. މީގައި ހޯމްލޭންޑް މިނިސްޓްރީ އާއި އެމްއެމްއޭ ހިމެނޭނެ. މިއީ ކުރިން ބެލި ބެލުން ތަކާ ހިލާފަށް ފުންކޮށް ކުރާނެ މަސައްކަތެއް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ކުރީގެ އުކުޅު ބަދަލު ކުރަން ޖެހުނީ އިންސްޕެކްޓްތަކުން މިކަމުގައި ދިވެހިންގެ ބައިވެރިވުން މިކަމުގައި އޮތްކަން ހާމަވުމުންނެވެ. 

ސައީދު ވިދާޅުވީ ބިދޭސީން ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ތަންތަން ހޯދާމެދު ލިބުނު 409 ޝަކުވާއަކާއެކު 242 ތަނެއް ޗެކްކޮށް 102 ތަނެއް ވަނީ ބަންދުކޮށްފަ އެވެ. އަދި ދާއިމީކޮށް 57 ތަނެއްގައި ވަނީ "ތަޅު" އަޅުވާފަ އެވެ. އަދި ސެލޫން އަދި ސްޕާގެ ގޮތުގައި ހިންގި 45 ތަނެއް ވަނީ ބަންދުކޮށްފަ އެވެ. އަދި ރެގިއުލޭޓްރީ ކަންކަން ރަނގަޅު ކުރުމުން 61 ތަނެއް ހުޅުވަން ހުއްދަ ވަނީ ހުއްދަ ދީފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.