ކޯޓުން އިއްޔެ އެ އަމުރު ނެރުނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެނޫހުގެ އެޑިޓަރު ހަސަން މުހައްމަދަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފޮނުވައި އެފަދަ އަމުރެއް ނެރެދިނުމަށް އެ އޮފީހުން ހުށަހެޅުމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ތުހުމަތުކޮށް "އަދަދު" ނޫހުން އާންމު ކުރި "އައިޝާ" ނަމަކަށް ކިޔާ ޑޮކިއުމެންޓްރީ އާންމުނުކުރުމަށާއި އޭގެ ވާހަކަ ނުދެއްވުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރާ ހިލާފުވިކަމަށް ބުނެ، އެ ނޫހުގެ ދެ ނޫސްވެރިއަކު ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
"އަދަދު" ނޫހުން މިދިޔަ މާޗު 28 ވަނަ ދުވަހު ނެރުނު "އައިޝާ" ނަމަކަށް ކިޔާ އެ ޑޮކިއުމެންޓްރީއަކީ ރައީސްގެ މައްޗަށް ގަޒުފްކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީއެކެވެ.
އެ ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީއަތަށް ހުށަހަޅާފައިވާ ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވެފައިވާ މީހާ (ރައީސް މުއިއްޒު)ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް އެ އަމުރުގައިވެ އެވެ.
އެ އަމުރާ ގުޅޭ ހަބަރު ގެނެސްދިން ގޮތް ގޯސްކަމަށް ބުނެ، 'އަދަދު'ގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ކޯޓަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.
އޭގެފަހުން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހަމަ އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން ސުވާލުކުރުމުން، ކޯޓުގެ ހުރުމަތް ކެނޑުމުގެ ތުހުމަތުގައި އޭނާ ވެސް ވަނީ މާދަމާ ކޯޓަށް ހާޒިރުވާން އަންގައިފަ އެވެ.
ޝަހުޒާން އެ ސުވާލު ކުރުމުން، ރައީސް މުއިއްޒު މިއަދު ވަނީ ކޯޓުން ނެރެފައިވާ އަމުރަކާ ހިލާފުވާން ފުރުސަތު ނުދެއްވޭނެކަމަށް ވިދާޅުވެ، ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ދިޔުމަށް ރައީސް ވަނީ ޝަހުޒާނަށް އަންގަވައިފަ އެވެ.
ކޯޓުން އިއްޔެ އެ އަމުރު ނެރުނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެނޫހުގެ އެޑިޓަރު ހަސަން މުހައްމަދަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފޮނުވައި އެފަދަ އަމުރެއް ނެރެދިނުމަށް އެ އޮފީހުން ހުށަހެޅުމުންނެވެ.