ޑޮކިއުމެންޓްރީގެ ވާހަކަ މަޖިލީހުގައި ދައްކަން ރިޔާސަތުން މަނާކޮށްފި

"ކޯޓުގައި ހިނގާ މައްސަލައެއްގެ ވާހަކަ މިތަނުގައި ނުދެއްކޭނެ. އެއީ ޕްރެސިޑެންޓެއް މިތަނުގައި ރޫލިންތައް އެކި ރައީސުން ދެއްވާފައި ހުރި ރޫލިންއެއް އެއީ. އެކި މިސާލެއް ދެއްވާފައި ވާނެ." ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް--ފޮޓޯ: މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ތުހުމަތުކޮށް "އަދަދު" ނޫހުން އާންމު ކުރި ޑޮކިއުމެންޓްރީގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި ނުދައްކަން ރިޔާސަތުން މިއަދު އަންގައިފި އެވެ.

މަޖިލީހުގައި މިއަދު އޮތީ ސިޔާސީ ޕާޓީތަކުން ހިނގަމުންދާ ގާނޫނާއި ހިލާފު ހަރަކާތްތައް ހުއްޓުވައި އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރުމެވެ.

އެއީ ޑޮކިއުމެންޓްރީ އާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންސީން ކުރާ މުޒާހަރާތަކާ ގުޅިގެން ޕީއެންސީގެ ފަރާތުން މަޖިލީހަށް ހުށަހެޅި މައްސަލައެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެ ޑޮކިއުމެންޓްރީގެ ވާހަކަ ފާހަގަ ކުރެއްވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެ ވާހަކަ ހުއްޓުވި އެވެ.

ނާޒިމް ފުރަތަމަ އެންގެވީ ކަނޑައެޅިފައި އޮތް މައްސަލަ އަށް ބަހުސް ކުރެއްވުމަށެވެ.

މީކާއިލް އަނެއްކާވެސް އެ ޑޮކިއުމެންޓްރީގެ ވާހަކަ ކުރިޔަށް ގެންދިޔުމާ ގުޅިގެން ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި ރައީސް ޑރ. މުއިއްޒު އާ ބެހޭ ގޮތުން ދޮގު ވާހަކަ މަޖިލީހުގައި ނުދެއްކެވޭނެ ކަމަށް ވިދާޅުވުމުން ރިޔާސަތުން އެ ނިޒާމީ މައްސަލަ ބަލައިގަތެވެ.

ނާޒިމް ވިދާޅުވީ ކޯޓުގައި ހިނގާ މައްސަލައަކަށް މަޖިލީހުގައި ބަހުސް ނުކުރެވޭނެ ކަމަށާއި އެއީ މީގެ ކުރިން ވެސް ރިޔާސަތު ބެލެހެއްޓެވި ބޭފުޅުން ކަނޑައަޅުއްވާފައިވާ ޕްރެސީޑެންޓެއް ކަމަށެވެ.

"ކޯޓުގައި ހިނގާ މައްސަލައެއްގެ ވާހަކަ މިތަނުގައި ނުދެއްކޭނެ. އެއީ ޕްރެސިޑެންޓެއް މިތަނުގައި ރޫލިންތައް އެކި ރައީސުން ދެއްވާފައި ހުރި ރޫލިންއެއް އެއީ. އެކި މިސާލެއް ދެއްވާފައި ވާނެ." ނާޒިމް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަންވީ ގޮތެއް ކޯޓަކުން ކަނޑަނޭޅޭނެ ކަމަށާއި އެކަން ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިން މަޖިލީހުގައި ކޮންމެ ވާހަކައެއް ދެއްކިދާނެ އެވެ.

"މިއީ ރައްޔިތުންގެ މަޖިލިސް މިއިކީ ޝަރީއަތަށް އަތް ބޭނޭނެ ތަނެއް ނޫން. މިތަނުގައި އަޅުގަނޑުމެން މި ވާހަކަ ދައްކާނަން." އޭނާ ވިދާޅުވި އެވެ.

ޑޮކިއުމެންޓްރީގެ ވާހަކަ މަޖިލީހުގައި ދެއްކުމަށް ހުރަސް އަޅާފައިވާ އިރު ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ވާހަކަ ނުފެތުރުމަށާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އެ ވާހަކަ ނުދައްކަން އަމުރު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.