ކޮވިޑް-19 ފެތުރެމުން ދިޔަ ދުވަސްވަރު އިގްތިސާދުތައް އޮތް ހާލަތަށް ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ރާއްޖެ މިއޮތީ ރިސެޝަން އަކަށް ދިޔުމުގެ މަގުމަތީގައި ނޫން ކަމަށާއި މިހާރު މިއޮތީ ރިސެޝަނެއްގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރިސެޝަން އަކީ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ހީނަރުވެ އެ ގޮތުގައި ދިގު މުއްދަތަކަށް ދެމިގެން ގޮސްދާނެ ފަދަ ހާލަތެއް ކުރިމަތިވުމެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ ކޮވިޑް-19 ފެތުރެމުން ދިޔަ ދުވަސްވަރު އިގްތިސާދުތައް އޮތް ހާލަތަށް ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ ކަމަށެވެ.
އެގޮތުން ޓޫރިޒަމާއި އަމިއްލަ ވިޔަފާރިތައް ދައުލަތުގެ އެހީއާ ނުލައި ނުހިންގޭ ހިސާބަށް ގޮސްފައިވާ ކަމަށާއި ނަމަވެސް ދައުލަތަށް އެ އެހީތެރިކަން ފޯރު ކޮށްދެވޭނެ ފެންވަރެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރިސެޝަނަކަށް ދަނީކީ ނޫން. އަހަރުމެން މިތިބީ ރިސެޝަންއެއްގައި. އިގްތިސާދު ކުރި ނާރާ. ރިކަވަރީއެއް ނެތް." ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްއެމްއޭގެ ރިޒާވް މިހާރު ހުރީ ދެ ޑިޖިޓަށް ވުރެ ތިރިވެފަ އެވެ. އަދި ރާއްޖެ އަށް މާލީ ގޮތުން އެހީވާކަށް ބޭރުގެ އެއްވެސް އިދާރާއަކުން ބޭނުން ނުވާ ކަމަށާއި އެހެންކަމުން ރާއްޖޭގެ ބޭންކުތައް ބޭނުން ކުރަމުން އަންނަ ކަމަށް ޔާމީން ވިދާޅުވި އެވެ.
ނަމަވެސް ނޫސްތަކުގައި ސަރުކާރުން އަދިވެސް ދައްކަމުން އަންނަނީ ބައިނަލްއަގުވާމީ ފެންވަރުގެ އިގްތިސާދެއް ބިނާ ކުރާ ވާހަކަ ކަމަށް ވިދާޅުވެ ޔާމީން ސަރުކާރަށް ފާޑު ވިދާޅުވި އެވެ.