ވާދަވެރި ސިޔާސީ ޕާޓީއަކަށް ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ވެސް ފާޑުކިޔޭނެ: ނަޝީދު

ނަޝީދު މިއަދު އެކްސްގައި ވިދާޅުވީ، ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އަދި އެހެން ހުރިހާ ސިޔާސަތުތައް މުތާލިއާކޮށް، ދެނެގަނެ، އެ ސިޔާސަތުތަކަށް ފާދުކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު --

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސަރުކާރަށް ރައްދު ދެއްވައިފި އެވެ. 

ނަޝީދު މި ގޮތަށް ވިދާޅުވީ، ހާރިޖީ ސިޔާސަތާއި، ސަރަޙައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން، ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ފާޅުކުރައްވާ ހިޔާލުތަކަކީ އޭގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުންނާނެކަމެއް ކަމަށް ބުނެ، ސަރުކާރުގެ ނުސީދާ ރައްދެއް އެ މަނިކުފާނަށް ރޭ ދެއްވާފައިވަނިކޮށެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިދިޔަ ހަފުތާގައި ބޭއްވި 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގެން، ނަޝީދު ވަނީ ރާއްޖޭގެ ހާރިޖީ ގުޅުންތަކާ ގުޅޭ ހިޔާލުތައް އެ ގައުމުގެ މީޑިއާތަކާ ހިއްސާކުރައްވައިފަ އެވެ.

މިގޮތުން، ރާއްޖޭގެ ދަރަނީގެ ހާލަތާއި ރާއްޖެ އާއެކު މޮރިޝަސްއިން ގުޅުން ކަނޑައިލުމާ ގުޅޭގޮތުން ވެސް ނަޝީދު ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ތަރައްގީގެ ބައިވެރިންނާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށާއި، އެކަކު އަނެކަކަށް ކުރާ އިޙުތިރާމާއި ދެފަރާތުގެ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް، ހުރިހާ ޤައުމުތަކާއެކު ބޭއްވުމަށް ރާއްޖެއިން ނުހަނު ބޮޑު އިސްކަމެއްދޭ ކަމަށެވެ.

"ހާރިޖީ ސިޔާސަތާއި، ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން، ހާއްސަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ފާޅުކުރައްވާ ހިޔާލުތަކަކީ އޭގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަންކަމެވެ،" މިނިސްޓްރީން ބުންޏެވެ.

އެ ބަޔާނަށް ސީދާ ރައްދު ދެއްވައި، ނަޝީދު މިއަދު އެކްސްގައި ވިދާޅުވީ، ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އަދި އެހެން ހުރިހާ ސިޔާސަތުތައް މުތާލިއާކޮށް، ދެނެގަނެ، އެ ސިޔާސަތުތަކަށް ފާދުކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށެވެ.

"ދިވެހިރާއްޖެއަކީ މުޅި ދިވެހި ރައްޔިތުންގެ ރާއްޖެ. 30 ޕަސެންޓަށް ވުރެން ތާއީދު ދަށްކޮށް އޮތް ޑރ. މުއިއްޒުގެ ސަރުކާރުގެ ރާއްޖެ އެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އަދި އެކުވެރި ދައުލަތްތަކުން ދޭ މާލީ އެހީ އާއި ލޯނު ސަރުކާރުން ބޭނުންކުރަންޖެހޭނީ ޒިންމާދާރުކަމާ އެކު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.