އަދި އެ ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ ގޯނާތަކުން ރައްކާތެރިކޮށް، ސަލާމަތްތެރި މާހައުލެއް ގާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ސިޔާސަތު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ކުޑަކުދިންނަށް ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދިނުމަކީ ސަރުކާރާއި މުޅި މުޖުތަމައުގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ރައީސް ދެއްވި ހާއްސަ ހިތޯނުގައި ވިދާޅުވީ މިއަދަކީ ކުޑަކުދިންގެ ހައްގުތަކަށް ރައްކާތެރިވުމަށާއި، އެ ކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތައް އާލާކޮށް ދިރުވުމަށް އާހިތްވަރަކާއެކު އަޒުމްތައް އާކުރަން ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ ކުޑަކުދިންނަކީ ގައުމުގެ މުސްތަތުބަލަށްވާއިރު، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި، ފެންވަރު ރަނގަޅު ތައުލީމު ކަށަވަރުކޮށްދިނުމަށް ކަމަށެވެ. ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ސިސްޓަމްގެ ތެރެއިން ފުރުސަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ސަރުކާރުން ކަށަވަރުކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އެ ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ ގޯނާތަކުން ރައްކާތެރިކޮށް، ސަލާމަތްތެރި މާހައުލެއް ގާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ސިޔާސަތު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޒަމާނީ ތައުލީމާއި އަދި މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކުރުމަށް އެ ކުދިންގެ އަތަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، ބައެއް ކުދިންނަށް އިއާދަނުކުރެވޭ މިންވަރުގެ ބޮޑެތި ނުރައްކާތައް ދަނީ ކުރިމަތިވަމުންދާ ކަމަށެވެ.
"މިއީ މިފަދަ ދުވަހެއްގައި ކުޑަކުދިންގެ ހައްގުގައި މުދައްރިސުންނާއި ބެލެނިވެރިން، އާ ވިސްނުންތަކެއް ވިސްނަންޖެހޭ ދުވަހެއް. ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން ވިލުންތެރި މަސައްކަތްތަކެއް ކުރުމަށް އިލްތިމާސް ކުރަން،" ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.