ބީއެމްއެލްއަށް ބޭނުންވާ މާލީ ވަސީލަތް ހޯދަން ބައިނަލްއަގުވާމީ ބާޒާރަށް

މި ސިލްސިލާ ބައްދަލުވުންތައް ބާއްވާފައިވަނީ ދުނިޔޭގެ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގަ އެވެ.

ސީއީއޯ މުހައްމަދު ޝަރީފު ވާހަކަ ދައްކަވަނީ -- ބީއެމްއެލް

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމުގެ ގޮތުން ބައިނަލްއަގުވާމީ 'ނޮން-ޑީލް ރޯޑްޝޯ' އެއް ނިންމާލައި، ދުނިޔޭގެ ޑެޓް މާކެޓްތަކަށް ވަނުމުގެ ޝައުގުވެރިކަން ފާޅުކޮށްފި އެވެ. 

ބީއެމްއެލް އިން ބުނީ ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ބައްދަލުވުންތައް ކާމިޔާބުކަމާއެކު އެ ބޭންކުން ވަނީ ނިންމާލައިފިއެވެ. މިދިޔަ މަހުގެ 29 އޭޕްރީލް އިން 8 މެއި 2026 އަށް ކުރިއަށްދިޔަ މި ސިލްސިލާ ބައްދަލުވުންތައް ބާއްވާފައިވަނީ ދުނިޔޭގެ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގަ އެވެ. މިއީ ބައިނަލްއަގުވާމީ ފަންޑުތަކުން ބޭންކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ކުރަމުންދާ ސްޓެރެޓެޖިކް މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެކެވެ.

ބޭންކް އިން ބުނީ މިގޮތުން ހޯދުމަށް ކަނޑައެޅިފައިވާ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށާއި، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަކުރުމަށެވެ. މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 594 މިލިއަން ޑޮލަރަށް އަރާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އެކަނިވެސް 35 މިލިއަން ޑޮލަރު ވަނީ މި ދާއިރާއަށް ދޫކޮށްފަ އެވެ.

މި ސިލްސިލާ ބައްދަލުވުންތައް ބާއްވާފައި މިވަނީ ބޭންކުގެ 43 އަހަރުވީ ތާރީޚުގައި ވެސް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި ކާމިޔާބު އަހަރަކަށް ފަހުގަ އެވެ. ބޭންކުން ދަނީ ފައިދާގެ ނިސްބަތާއި، ފައިސާގެ ތަނަވަސްކަން (ލިކުއިޑިޓީ) އަދި ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ، ރެގިއުލޭޓަރީ މިންގަނޑުތަކަށްވުރެ މަތީގައި ދަމަހައްޓަމުންނެވެ. ބޭރުގެ އެއްވެސް ދަރަންޏެއް ނެތި، ބޭންކު އޮތީ ވަރުގަދަ މާލީ ހާލަތެއްގައި، ބައިނަލްއަގުވާމީ މާކެޓްތަކަށް ވަނުމުގެ ފަހި ފުރުސަތުތަކާއެކުގައެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ދުނިޔޭގެ އިންވެސްޓަރުންނާއެކު ބޭއްވުނު ބައްދަލުވުންތަކުން ވަރަށް އުންމީދީ ނަތީޖާތަކެއް ފެނިގެން ގޮސްފައިވާ ކަމަށެވެ.

"މިއީ ރާއްޖޭގެ އިޤްތިޞާދުގެ ކުރިމަގަށާއި ބޭންކުގެ ހަރުދަނާ ހިންގުމަށް އިންވެސްޓަރުންގެ އިތުބާރު އޮތްކަން ހާމަވާ ކަމެއް. މީގެއިތުރުން، ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށް ވަނުމަކީ ބޭންކަށް ބޭނުންވާ ފަންޑު ހޯދައި، ވަސީލަތްތައް އިތުރުކޮށް، ފަތުރުވެރިކަން ފަދަ މުހިންމު ދާއިރާތަކަށް ދޭ އެހީތެރިކަން ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" ސީއީއޯ ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލްއިން ދެމުން ގެންދާ އެހީތެރިކަމާ ބެހޭ ގޮތުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން ހުސައިން އަފީފް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވަރަށް މުހިންމު، އިސް ބައިވެރިއެއް. އެ ބޭންކުން ދޫކުރާ ފައިނޭންސިންގެ އެހީގައި މި ސިނާއަތް ފުޅާކުރުމަށާއި، އައު ޚިދުމަތްތައް ތައާރަފްކުރުމަށާއި، އަދި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވަނީ މަގުފަހިވެފަ އެވެ،

" ފައިނޭންސިންގ ހޯދުމަށް އައު މަގުތައް ހޯދުމަށް ބޭންކުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ގާބިލުކަން އިތުރުވެ، ގައުމުގެ އިގްތިސާދީ ކުރިއެރުމަށް މުހިންމު ހިއްސާއެއް ލިބިގެންދާނެ."

އެ ބޭންކުން ބުނީ އަމާޒު ހިފާފައިވަނީ، ރިސްކް މެނޭޖްމަންޓުގެ ހަރުދަނާ އުސޫލުތަކާއެކު، ދެމެހެއްޓެނިވި ކުރިއެރުން ހޯދައި، ދިވެހި މާލީ ނިޒާމުގެ މައި ތަނބުގެ ގޮތުގައި ބޭންކުން އަދާކުރާ ދައުރު އިތުރަށް ވަރުގަދަކޮށް، ހިއްސާދާރުންނަށް އެންމެ ފައިދާހުރި ގޮތުގައި ބެންކު ހިންގުމަށެވެ  

ބީއެމްއެލްއިން ބައިނަލްއަގުވާމީ ބާޒާރަށް ނުކުުތުމަށް މަސައްކަތް ކުރާއިރު އެ ބޭންކުން 500 މިލިއަން ޑޮލަރުގެ ސްކޫކެއް ބޭރުގައި ލިސްޓް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރިއާއި އިގްތިސޯދުގެ މަޖައްލާ ބްލޫބްބާގްއިން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އެ ބޭންކުން ދަނީ އަވަށްޓެރި ސްރީލަންކާގައި ގޮތްޕެއް ހުޅުވަން ތައްޔާރު ވަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.