ނަޝީދު ވިދާޅުވި ގޮތުގައި މެންބަރުންތަކެއް އިއްޔެ މުލިއާގެއަށް ވަޑައިގެންނެވި ކަަމަށް ފާހަގަވެ އެވެ. އެމަނިކުފާނުގެ ނަޒަރުގައި އެ މެންބަރުން ވަޑައިގެންނެވީ މެންދުރުގެ ފަރިއްކޮޅަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަމަލު ކުރައްވާ ގޮތާއި ދައްކަވާ ވާހަކަފުޅުތަަކާމެދު ހިތްހަމަޖެހިވަޑައިނުގެން އެ ޕާޓީގެ ގިނަ އަދަދެއްގެ މަޖިލީސް މެންބަރުން ރައީސުލްޖުމްހޫރިއްޔާ / އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމަށް އިއްޔެ މުލިއާގެއަށް ވަޑައިގަތުމުން އެކަމަށް ނަޝީދު މިއަދު ޖޯކު ޖައްސަވައި ވާހަކަފުޅު ދައްކަވައިފި އެވެ.
އިއްޔެގެ ބައްދަލު ކުރެއްވުމަކީ މެންބަރުންގެ އެދިވަޑައިގަތުމަކަށް ރައީސް ބޭއްވި ބައްދަލުވުމެކެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕްގެ 26 މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އެ ބައްދަލުވުމަކީ މެންބަރުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާ ކުރެއްވި، އަދި ރަައީސް ނަޝީދު އަމަލު ކުރައްވާ ގޮތާއި ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން ޕާޓީގެ ކުރިމަގަށް ހުރަސް އެޅޭތީ އެ ކަންބޮޑުވުން ފާޅު ކުރެއްވި ބައްދަލުވުމެކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވަނީ އިއްޔެގެ އެ ބައްދަލްވުމާއި ގުޅޭގޮތުން ކުރުކޮށް ވާހަކަ ދައްކަވާ ޖޯކް ޖައްސަވާފަ އެވެ. އެ ބައްދަލުވުން ނަޝީދު ގުޅުވައިލީ ދާދި ފަހުން އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވި އެމަނިކުފާނުގެ ޑައިޓާ އެވެ.
ނަޝީދު ވިދާޅުވީ މެންބަރުންތަކެއް އިއްޔެ މުލިއާގެއަށް ވަޑައިގެންނެވި ކަަމަށް ފާހަގަވާ ކަމަށާ އެމަނިކުފާނުގެ ނަޒަރުގައި އެ މެންބަރުން ވަޑައިގެންނެވީ މެންދުރުގެ ފަރިއްކޮޅަށް ކަމަށެވެ. އަދި ވިދާޅުވީ މުލިއާގޭގައި މެންދުރު ފަރިއްކޮޅަށް ހުންނާނީ ގަރުދިޔަ އާއި ބަތް ކަމަށެވެ.
"އިއްޒަތްތެރި މެމްބަރުން އެބަ ފާހަގަ ކުރައްވާ މުލިއާގެއަށް މި ތަނުން މެމްބަރުން ވަޑައިގެންނެވި ކަމަށް. އަޅުގަނޑު ދެކެނީ މެންދުރުގެ ފަރިއްކޮޅަށް ކަމަށް. ދެން އަޅުގަނޑުމެންނަށް ޔަގީން އެހެންވީމަ ގަރުދިޔައާ ބަތާކަން [ހުންނާނީ]،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކުގެ ނުރައްކާތެރިކަމާ ގުޅޭ މައުލޫމާތު ހާމަކުރުމަށާއި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް އިފުތިތާހުކުރުމަށް މި މަހުގެ އަށްވަނަ ދުވަހު އޮތް ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅަށެވެ. ރައީސް އެ ރޭ ވަނީ އެމަނިކުފާނު ކެއުން ގެންގުޅޭ ގޮތް ހިއްސާ ކުރައްވާފަ އެވެ.
"އަޅުގަނޑުގެ ހެނދުނު ފައްޓަނީ ހަމަގައިމު ވެސް ކަސްރަތުން. 4:45 ގައި ހޭލަން. އެއަށް ފަހު 5:30 ހާއިރު ފުރަތަމަ ކަސްރަތު. ހެނދުނު މާ ގިނަ ނާސްތާއެއް އަޅުގަނޑުގެ ނޯވޭ. އޯޓްސް ސްމޫތީ އެއް. ދެން ފަޅޯ ކޮޅެއް ނިމުނީ. އެއީ އަޅުގަނޑުގެ ހެނދުނުގެ ނާސްތާ އަކީ. މެންދުރު ގަރުދިޔައާ ބަތާ. ރޭގަނޑު 7:30 ގެ ކުރިން އަޅުގަނޑު ކަން. އަޅުގަނޑުގެ ޑައެޓް ދުވާލަށް ނިމުނީ އެ،" ރައީސް ވިދާޅުވި އެވެ.