ފުލުހުން ބުނީ މިއީ މިދިޔަ ހޯމަ ދުވަހު ރާއްޖެއައި ފުލައިޓަކުން އެތެރެކުރި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން، ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މާލެ ސަރަހައްދުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު އަތުލައިގެންފި އެވެ.
ފުލުހުން ބުނީ މިއީ މިދިޔަ ހޯމަ ދުވަހު ރާއްޖެއައި ފުލައިޓަކުން އެތެރެކުރި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން، ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލ. ކަލައިދޫ، ހިޔާވަހި، އަބްދުﷲ ރާއިފް 27، އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންކަމުގައިވާ އެމް ޑީ ޖޯޝިމް އުއްޑިން 43، އަދި މަމުން ދަލި 32، އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި އޭގެ އިތުރުން މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، 13 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.
އެހެންކަމުން ކަސްޓަމްސްއިން އަތުލައިގަތް ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މި އޮޕަރޭޝަންގައި، ޖުމުލަ 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަބްދުﷲ ރާއިފް ތިން ދުވަހަށް އަދި ބަންގްލަދޭޝް ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.