އުމްރާނީ މަޝްރޫއުތަކަށް ފުރިހަމަ އަށް ކްރެޑިޓް ހައްގު ކަމަށް ވިދާޅުވެ ސައީދު ވަނީ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތްޕުޅުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ދޭތެރޭގައި ބުރަކަމެއް ނެތް ކަމަށާއި މިއީ އެއް ޓީމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ބްރިޖު އެޅުމާއި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހިޔާ ފްލެޓު ފަދަ ބޮޑެތި މަޝްރޫއުތައް ކުރީ ސަރުކާރުން ކުރިއިރު ކެބިނެޓުގައި ތިއްބެވީ މިހާރު ވެސް ތިއްބެވި ފަރާތްތައް ކަމަށެވެ.
އޭރު ވެރިކަމުގައި ތިއްބެވީ އެއް ޕާޓީއެއް ކަމަށާއި މިއަދު ވެސް އޮތީ ހަމަ އެ ޓީމު ކަމަށް ސައީދު ވިދާޅުވި އެވެ.
"އެކަން ވެސް ލީޑު ކުރީ އަޅުގަނޑުމެންގެ މިއަދުގެ ރައީސާ އާއި އަޅުގަނޑު އަދި މިހާރާއި އޭރުގެ ބައެއް ވަޒީރުން. އަޅުގަނޑުމެންގެ ތެރެއިން މަދުވެގެން މި އުޅެނީ އެންމެ މީހެއް ދެ މީހަކު. ހަމަ އެއް ޓީމެއް މި އޮތީ. އެއް ޕާޓީއެއް މި އޮތީ." ސައީދު ވިދާޅުވި އެވެ.
އޭރު ވެސް އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ސައީދު ޔާމީންގެ ނަން ވިދާޅުނުވުމުން އެމަނިކުފާނަށް ކްރެޑިޓް ހައްގު ނޫންތޯ ނޫސްވެރިއަކު ސުވާލު ކުރި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ ޔާމީނަށް ފުރިހަމަ އަށް ކްރެޑިޓް ހައްގު ކަމަށެވެ.
"ރައީސް ޔާމީނަށް ވަރަށް ބޮޑު ކްރެޑިޓް. އެމަނިކުފާނަކީ ވަރަށް ވިސްނުންތެރި ބޭފުޅެއް ވަރަށް ވިޝަނަރީ ބޭފުޅެއް އަޅުގަނޑު ދެންނެވި އެއްޗެއް އޮޅުވާލީތި." ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު ހިތްޕުޅުގައި ޔާމީނާ ދޭތެރޭ އޮތް ލޯތްބާއި އިހްތިރާމް އަބަދުވެސް އޮންނާނެ ކަމަށާއި އަދި ޔާމީންގެ އަރިހުގައި ވެސް ހުންނަން ބޭނުންވާނެ ކަމަށެވެ.
"ރައީސް މުއިއްޒަކީ ޔާމީނަށް އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ އެންމެ ރައީސް ޔާމީން އަރިހުގައި ހުންނަން ބޭނުންވާނެ އެއް ބޭފުޅަކީ. ރައީސް މުއިއްޒުގެ ހިތްޕުޅުގައި ޔާމީން އާ ދޭތެރޭގައި އެއްވެސް ކަހަލަ ހިތްބުރަ ކަމެއް އޮންނަ ކަމަކަށް ގަބޫލެއް ނުކުރަން އެއީ އަޅުގަނޑޫމެން އެންމެނަކީ ވެސް އެއް ޓީމެއް." މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ޔާމީނަށް ތައުރީފް ކުރެއްވި އިރު ޔާމީން މިހާރު ހުންނެވީ ޕީޕީއެމް/ޕީއެންސީ އާ ދުރަށް ޖެހިވަޑައިގެން ޕީއެންއެފްގެ ނަމުގައި އަމިއްލަ ޕާޓީއެއް ހިންގަވަމުންނެވެ. އަދި އެ ޕާޓީން ސަރުކާރާ ދެކޮޅަށް ކޮންމެ ރެއަކު މަގުމަތީގައި މުޒާހަރާ ކުރެ އެވެ.