މި ދަތުރަށް ނައްޓާލަކީ މާފުށީގެ ހަތްބުރި އުހުންނެވެ. ދަތުރު ނިމެނީ ވައްމާފުށީގެ ތިން ބުރީގެ ޓަވަރަކަށެވެ. މި ދަތުރުގައި ފެންނަ ގުދުރަތީ ރީތި މަންޒަރާއި ތަޖުރިބާއަކީ ހިތުން ނުފިލާނެ އެވެ. މިމަހު 20 ގައި މި ޒިޕްލައިން ހުޅުވާލާނެ އެވެ.

އެއް ރަށުން އަނެއް ރަށަށް ކޭބަލްކާރު އެޅުމުގެ ހިޔާލު އެންމެ ފުރަތަމަ ފެންމަތި ކުރެއްވީ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު އެވެ. އެކަމާހެދި ޗެއާމަން ޖާބިރަށް އެތައް ބައެއްގެ މަލާމާތް ރަށްދުވި އެވެ. އެކަމަކު މިއަދު މި އަރާ ދަތުރަކީ ހަމަ އެފަދަ ދަތުރެކެވެ. މިއީ ޖާބިރު ފުރިހަމަ ކުރެއްވި މަސައްކަތަކަށް ނުވިޔަސް މިއީ ޖާބިރު އެ ދުވަހު ވިދާޅުވި ފަދަ ތަޖުރިބާ އެކެވެ. ކޭބަލް ކާރަކަށް ނުވިޔަސް މަތިން ރާއްޖޭގެ އަޖައިބު ކުރުވަނިވި ފުރިހަމަ މާހައުލު ފެންނާނެ ރީތި ދަތުރެކެވެ. ކ. މާފުއްޓާއި އިންވެގެން ގާތްގަނޑަކަށް 430 މީޓަރު ދުރުގައި އޮންނަ ވަށްމާފުށި ޕިކްނިކް އަައިލެންޑު އެމްއެޗްއާރު ކުންފުނިން ދިގު މުއްދަތަށް ނަގައި މިވަނީ ރާއްޖެ ދުނިޔޭގެ ހަތަރު ބިތަށް މަޝްހޫރު ވެގެންދާނެ ކަމެއް ފުރިހަމަ ކުރަން ތައްޔާރުވެފަ އެވެ. ރާއްޖޭގެ ދެ ރަަށް ގުޅައިލާން އެޅި ފުރަތަމަ ޒިޕްލައިންއާއެކު މާފުށީގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް މި ދަތުރުން ލިބިގެންދާނެ އެވެ. މި މަސައްކަތުގެ ޓެސްޓިކް ސްޓޭޖުގެ ތަޖުރިބާ އަށް ބަލާއިރު މި ޒިޕްލައިންއަކީ އެމްއެޗްއާރު ކުންފުނިން ބައްޓަން ކުރަން ބޭނުންވާ ގޮތަށް ދުނިޔޭގެ އެންމެ ރީތި ޒިޕްލައިން ދަތުރަށް ވެގެންދާނެ އެވެ.
"ދުނިޔޭގެ އެކި ގައުމުތަކުގައި ޒިޕްލައިންތައް ހުރޭ. އެކަމަކު އަޅުގަނޑަށް ޔަގީން ކަމާއެކު ބުނަން ކެރޭނެ ދުނިޔޭގެ އެންމެ ރީތި ޒިޕްލައިން ދަތުރަށް މިވާނެ. އަޅުގަނޑުމެން ބްރޭންޑް ކުރަން ވެސް ބޭނުންވަނީ ހަމަ އެގޮތަށް،" މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އެމްއެޗްއާރު ކުންފުނީގެ އެއް ހިއްސާދާރު އަދި ޓޫރިޒަމް ސިނާއަތުގެ 30 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވަނީ މުހައްމަދު އާސިމް (އައިބީ) ވިދާޅުވި އެވެ.

އައިބީގެ މި ބުނުން ޔަގީންކޮށްދެނީ އެ ދަތުރުގެ ތަޖުރިބާއިންނެވެ. މި ދަތުރު ފަށަނީ މާފުށީގައި ކުރިން އިސްލާހިއްޔާ ހުރި ސަރަހައްދުގެ އެންމެ އަތިރިމަތީގައި ހަދާފައިވާ ހަތް ބުރީގެ އުސް ޓަވަރަކުންނެވެ. އެ ޓަވަރަށް އަރަން ދިއުމުގެ ކުރިން އެކަމުގެ ތަޖުރިބާ އާއި ތަމްރީން ލިބިފައިވާ މުވައްޒަފުން "ސެކިއުރިޓީ ބްރީފިންއެއް" އެއް ދެ އެވެ. މި ދަތުރަކީ ސަލާމަތީ ގޮތުން އެންމެ ފުރިހަމަ ދަތުރަކަށް ހެދުމަކީ މި ކުންފުނީގެ އެއްވަނަ ޕްރިއޯރިޓީ އެވެ. އެހެންވެ ފުރަތަމަ އަޅަނީ ހެލްމެޓެކެވެ. އެއަށްފަހު ފުރިހަމަ އަށް ބާރުކޮށްފައިވާ ބެލްޓެއް އުނަގަނޑުގައި އަޅަ އެވެ. އަދި އެ ބެލްޓުގައި އޮންނަ ހޫކު މި ޒިޕްލައިންގެ ވަރުގަދަ ދަގަނޑު ނަރުގައި ތިއްބާލަ އެވެ. އަދި ސޭފްޓީ ކޭބަލެއް އެ ނަރުގައި ހަރު ކުރުމަށްފަހު ދަތުރު ފަށަ އެވެ.
ސަލާމަތީ ގޮތުން ނަގާ ހުރިހާ ސްޓެޕްތަކާއި މި ޒިޕްލައިން އަޅާފައިވަނީ ވެސް ދުނިޔޭގައި މިޒާތުގެ މަސައްކަތް ކުރާ މަޝްހޫރު ކުންފުންޏަކުންނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މި ބާވަތުގެ މަސައްކަތް ކޮށްފައިވާ މެލޭޝިއާގެ އެ ކުންފުނިން މި މަސައްކަތް ކުރުމުގައި އެންމެ ފުރަތަމަ ބެލީ ސަލާމަތީ ފިޔަވަޅު ތަކަށެވެ. މި ދަތުރުކުރާ މީހުންގެ ސަލާމަތަށެވެ. ސަލާމަތީ ގޮތުން މިކަން ފުރިހަމަ ކުރުމުގެ ގޮތުން އެމްއެޗްއާރު ކުންފުނިން ވަނީ މާފުށީގައި ހަދާފައިވާ ޓަވަރުގައި އެންމެ ފުރިހަމަ ވަސީލަތް ވެސް ގާއިމްކޮށްފަ އެވެ. މިމަހު މި ޒިޕްލައިން ދަތުރުތަކަށް ހުޅުވާލުމާއެކު މި ޓަވަރުގައި ލިފްޓެއް ވެސް ހަރުކުރާނެ އެވެ.
އެމްއެޗްއާރު ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ އަބްދުﷲ އާސިމް ވިދާޅުވި ގޮތުގައި އެ ކުންފުނިން ޒިޕްލައިން އެޅުމުގައި ގިނަ ގޮތްގޮތުން ބެލި އެވެ.
"ދުނިޔޭގައި އެތައް ވައްވަތެއްގެ ޒިޕްލައިންތައް ހުރޭ. އިލެކްޓިކުން ދުވެލި މަޑުކުރާ އެއްޗިހި ވެސް ހުރޭ. ލޭންޑިން ގޮސް ސީދާ ޕްލެޓްފޯމަށް ބާރު ދުވެލީގަ ދާ ޒިޕްލައިންތައް ވެސް ހުރޭ. އެކަމަކު ސޭފްޓީ ގޮތުން ބަލާފަ ވައްމާފުއްޓަށް އަރާ ތަނުން ގްރެވިޓީ ފޯސް ދަށްވާ ގޮތަށް މި ޒިޕްލައިން ހެދީ،" އަބްދުﷲ ވިދާޅުވި އެވެ.

މި ދަތުރު ފުރިހަމަަވަނީ ވެސް އެހެންވެ އެވެ ؛ މާފުށިން، ވައްމާފުއްޓަށް ކުރި ޒިޕްލައިން ދަތުރަށް ނައްޓާލުމާއެކު ވަށައިގެން ފެންނަ ގުދުރަތީ އަޖައިބެއް ފަދަ ރީތި މަންޒަތަކުން ހިތަށް ހިތްހަމަ ޖެހުން ގެނެސްދެ އެވެ. މިއި މި ރާއްޖޭން ލިބޭނެ އެންމެ ފުރިހަމަ އެއް ތަޖުރިބާ އެވެ. ރާއްޖޭގެ ޖައްވުން ފެންނަ ނޫކުލަ އާއި އިރު ފެނަށް ތިރިވާންދާ ވަގުތު ޖައްވަން ވެރިވާ ރަން ކުލަ މަތިން ބަލައިލަން މިއީ ތަފާތު ދަތުރެކެވެ. ދަތުރުގެ ދިގުމިން ގާތްގަނޑަކަށް 56 ސިކުންތަށް ދެމިގެން ދިޔަ ނަމަވެސް މިއީ ފުރިހަމަ ތަޖުރިބާއެކެވެ. މި ތަޖުރިބާގެ ހަނދާންތައް ފަހަށް ރައްކާކުރަން އެމްއެޗްއާރު ކުންފުނިން ފޮޓޯތަކާއި ވީޑިއޯ ވެސް ނަގައިދޭނެ އެވެ.
އެމްއެޗްއާރު ކުންފުނިން ދަނީ މި 56 ސިކުންތުގެ ދަތުރުގައި ވައްމާފުއްޓަށް އަރާ މީހުން ހިތުން ނުފިލާނެ ފަދަ ތަޖުރިބާއަކަށް ހަދަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެ ކުންފުނިން ދަނީ ވަށްމާފުށީގައި ތަފާތު ގިނަ ވަސީލަތް ކުރިމަގުގައި ގާއިމްކުރާނެ އެވެ. މިގޮތުން ޖައްވުގައި ތިބެ ކެއުމަށް އިންސާފުކޮށްލެވޭ ގޮތަށް "ސްކައި ޑައިނިން" ރެސްޓޯރެންޓެއް ވެސް ހަދާނެ އެވެ. އަދި މޫދު އަޑީގައި ކެއުމަށް އިންސާފުކޮށްލެވޭ ގޮތަށް އަންޑަ ވޯޓާ ރެސްޓޯރެންޓަކާއި އޯވަވޯޓާ ތަޖުރިބާ ވެސް މ ތަނުން ލިބޭނެ އެވެ.
އަބްދުﷲ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މަގުސަދަކީ މާފުށީގެ ވިޔަފާރިތަކާ ވާދަނުކޮށް ދިވެހިރާއްޖެ އަށް އާ ތަޖުރިބާއެއް ގެނެސް ދިނުމެވެ.
"މާފުއްޓަކީ މިހާރު ވެސް ތަފާތު އެކްސްޕީރިއަންސް އެއް ތަނަކުން ލިބޭ ފުރިހަމަ މަންޒިލެއް. ރިސޯޓްތަކުން ވެސް މި ރަށަށް އަންނަނީ އެހެންވެ. އެހެންވެ މި އަންނަ އިތުރު ކަންކަމާއެކު ދުނިޔޭގެ ސަމާލުކަން އިތުރަށް މާފުއްޓަށް ލިބޭނެ. އެހެންވެ މާފުށީގައި ނެތް އެކްޓިވިޓީސް ގެންނަން ނިންމީވެސް،" އަބްދުﷲ ވިދާޅުވި އެވެ.
މިކަން ފުރިހަމަ ކުރަން ވައްމާފުށީގައި މި ވަގުތު ވެސް ގިނަ ވަސީލް ތަކެއް ވަނީ ފައްކާކޮށްފަ އެވެ. މިހާރު ވެސް މި ރަށަށް އަރާ ބަޔަކަށް "ބޮން ފަޔާ" ހަދާލެވޭނެ އެވެ. އަދި ވޮލީ އާއި ބާސްކެޓް ފަދަ ކުޅިވަރުތައް ވެސް ކުޅެވޭނެ އެވެ. މީގެ އިތުރުން ކަޕުލްތަކަށް ރޮމޭންޓިކް ޑިނާ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ފުރިހަމަކޮށްދެ އެވެ. މި ރެސްޓޯރެންޓުގައި 150 މީހުންނަށް ކެއުމަށް އިންސާފު ކުރެވޭނެ ޖާގަ އޮވެ އެވެ. އަދި "ގްރިލް ސީފުޑް" ޓޭބަލް ތަކެއް ވެސް ހަދާފައިވާއިރު މޫދުގައި ތިބެ ކެއުމަށް އިންސާފުކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބޭނެ ވަސީލަތް ގާއިމްކޮށްފައިވެ އެވެ. އަދި މި ރަށުގައި ހުޅަނގު ފަރާތުގައި ދޯންޏެއްގެ ބައްޓަމަށް ހަދާ އަރާމުހާނާ ތަނަކީ ސަން ބާރު ކޮށްލަން ފުރިހަމަ ޕްރައިވެސީ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ތަންތަނެވެ.
މި ހުރިހާކަމަކާއެކު ވައްމާފުށި ފުރިހަމަ ވެގެން ދާނެ އެވެ. ސުނާމީއާ ހަމައަށް މަދު ގަސްކޮޅެއް ހުރި އަދި ސުނާމީގައި ރަށް ގިރައިގެން ގޮސް ކާމަތީ ހުރައެއްގެ ގޮތުގައި އޮތް ވައްމާފުށި އަލުން ހިއްކައިގެން ބޮޑުކޮށް ފުރިހަމަކޮށް މާފުށި ޒިޕްލައިނުން ގުޅާލުން ވެގެން ދާނީ ދިވެހި ޓޫރިޒަމަށް ވެސް ލިބޭނެ އިތުރު ފުރިހަމަ ކަމަށެވެ. އަދި މ ޒިޕްލައިން ދަތުރު ވެގެންދާނީ ދުނިޔޭގައި މިވަގުތު ލިބޭނެ އެންމެ ހިތްހައިމު މާހައުލު ފެންނަ "ވޯލްޑް ބެސްޓް ޒިޕްލައިން" ދަތުރަށްކަން ޔަގީނެވެ.