އެ ގާނޫނުގައި ބުނާ ގޮތުން އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކުށަކަށް މަރުގެ އަދަބެއް ނުދެވޭނެ އެވެ. އަދި އެ ކުއްޖަކަށް 18 އަހަރުވުމަށްފަހު ވެސް މަރުގެ އަދަބު ނުދެވޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.

ތޫނު އެއްޗަކުން ހަމަލާދީ 2012 ވަނަ އަހަރުގެ ތެރޭގައި އަބްދުލްމުހީތު (ބޮބީ) މަރައިލި މައްސަލާގައި، މަރަން ހުކުމް ކޮށްފައިވާ ކުޑަކުއްޖާގެ މައްޗަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ފިނޭންސް މިނިސްޓްރީ ކުރިމަތީގައި، މުހީތު ހުއްޓާ ގްރޫޕަކުން ގޮސް އޭނާއަށް ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުން 2013 ވަނަ އަހަރު ދެ ކުއްޖެއްގެ މައްޗަށް މަރުގެ ހުކުމް އިއްވި އެވެ.
އޭގެ ތެރެއިން އެއް ކުއްޖަކަށް އިއްވި މަރުގެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
އެ ހުކުމް ނިހާއީ ހުކުމަކަށް ސުޕްރީމް ކޯޓަށް ދައުލަތުން ގެންދިޔުމަށްފަހު، 2019 ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނާ ގުޅިގެން އެ މައްސަލަ އަނބުރާ ގެންދަން ދައުލަތުން ނިންމި އެވެ.
އެ ގާނޫނުގައި ބުނާ ގޮތުން އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކުށަކަށް މަރުގެ އަދަބެއް ނުދެވޭނެ އެވެ. އަދި އެ ކުއްޖަކަށް 18 އަހަރުވުމަށްފަހު ވެސް މަރުގެ އަދަބު ނުދެވޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.
ގާނޫނުގައި އެގޮތަށް ކަނޑައެޅުމުން އަދަބު ބަދަލުކޮށްދޭން ޖުވެއިނައިލް ކޯޓުގައި ދައުލަތުން އެދުނެވެ. ނަމަވެސް، އެ ކޯޓުން ނިންމާފައިވަނީ މަތީ ކޯޓަކުން ހުކުމް ބާތިލް ނުކުރާހާ ހިނދަކު އެ ކޯޓަށް އަދަބު ބަދަލު ނުކުރެވޭނެ ކަމަށެވެ. އެހެންވެ، އެ ކުއްޖާގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، އޭނާގެ މައްޗަށް އިއްވާފައިވާ މަރުގެ އަދަބު ކުޑަކުދިންގެ އަދުލުގެ ގާނޫނާ ހިލާފް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ކުޑަކުއްޖެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުން މިހާރު ހުއްދަ ކުރާ ކަމަކަށް ނުވާތީ އެ އަދަބު ނުދެވޭނެ ކަމަށެވެ. އަދި ގާތިލަކީ ކުޑަކުއްޖަކަށްވާ ހާލަތަކީ އިސްލާމީ ޝަރީއަތުގައި ވެސް ގިސާސް ހިފުން މަނާވާ ހާލަތެއް ކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
އެހެންވެ، ސުޕްރީމް ކޯޓުން ވަނީ ޖުވެނައިލް ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ޖުވެނައިލް ކޯޓަށް ފޮނުވަން ނިންމައިފަ އެވެ.
މުހީތުގެ މަރާ ގުޅިގެން ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލައީގޭ މުހުޖަތު އަހުމަދު ނާސިހުގެ މައްޗަށް ވެސް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ނަމަވެސް، އަދިވެސް އޮތީ ހައި ކޯޓުގަ އެވެ.