މި ދަތުރުފުޅުގެ ތެރެއިން ކުރެވުނު ފުޅާ މަޝްވަރާތަކުގެ އަލީގައި، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، މާނަހުރި ނަތީޖާތަކެއް ހާސިލްކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި.
ސްރީ ލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމުގައި މާނަހުރި ނަތީޖާތަކެއް ނެރެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސިންހަލަ ބަހުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލަންކާގެ ސަރުކާރާއި ރައްޔިތުން އަދާކުރި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އަދި މި ދަތުރުފުޅުގެ ތެރެއިން ކުރެވުނު ފުޅާ މަޝްވަރާތަކުގެ އަލީގައި، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، މާނަހުރި ނަތީޖާތަކެއް ހާސިލްކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ލަންކާގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވުމުގެ އިތުރުން ރާއްޖެއާއި ލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
އެގޮތުން، ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތްކުރެވޭނެ އައު މަގުތައް ހޯދުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިންނާއި އެކު މަޝްވަރާ ކުރެއްވި އެވެ.
މި ދަތުރުފުޅުގައި ރާއްޖެ އާއި ލަންކާ އާދެމެދު ހަތް ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް ދެ ގައުމުން އެއްބަސްވުމުގައި ސޮއި ކުރި އެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ އާއި ޑިފެންސް އަދި ތައުލީމީ ދާއިރާ ވެސް ހިމެނެ އެވެ.
މީގެ އިތުރުން، މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމްގައި ވެސް ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް އެ މަނިކުފާނު ވަނީ ބައްދަލުކުރައްވާފަ އެވެ.