ޓީޖީއެސްޓީ އިތުރުވުމާއެކު އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ މާލީ ހިސާބުތަކުން ވަނީ އެއް ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑު ކުރެވިފަ އެވެ.

ޓޫރިޒަމް ޓެކްސް އިތުރުވުމާއެކު އާމްދަނީ އިތުރުވެ، މިދިޔަ މަސް ނިމުނުއިރު ދައުލަތުގެ ބަޖެޓު ސާޕްލަސް ހުރި ކަމަށް ދައްކައިފި އެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ހަފުތާއަކު އެއްފަހަރު ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުން ދައްކާގޮތުގައި ޓީޖީއެސް.ޓީ.އިން ލިބުނު އާމްދަނީއާއެކު މިދިޔަ ނިމުނުއިރު ދައުލަތުގެ އާމްދަނީ ހުރީ ޚަރަދުތަކަށްވުރެ މަތީގައެވެ. އެގޮތުން އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ މާލީ ހިސާބުތަކުން 1.0 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑު ކުރެވިފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ މަހުހެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީގެ ޖުމްލަ ވަނީ 15.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 14.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 7.5 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ މާލީ ހިސާބުތަކުން 1.0 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ވަނީ ރެކޯޑު ކުރެވިފަ އެވެ.
އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިންނެވެ. އެގޮތުން ޓީޖީއެސްޓީ ގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ 4.6 ބިލިއަން ރުފިޔާއިން 5.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 11.7 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމްލަ ޓެކްސް އާމްދަނީ 30 އޭޕްރީލް 2026 ގެ ނިޔަލަށް 12.3 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.0 އިންސައްތައިގެ އިތުރުވުމެކެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު މި މުއްދަތުގެ ތެރޭގައި ޖުމްލަ 14.3 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 12.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 13.8 އިންސައްތަ އިތުރު އަދަދެކެވެ. ރިކަރަންޓް ޚަރަދު ވަނީ 11.1 އިންސައްތަ އިތުރުވެ، 12.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މި މުއްދަތުގައި ޚަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. 30 އޭޕްރީލް 2026 ގެ ނިޔަލަށް މުސާރައާއި އިނާޔަތްތަކަށް 4.5 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.5 އިންސައްތަ އިތުރުވުމެކެވެ. މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މުސާރައާއި، އިނާޔަތްތައް އެއްހަމަކުރުމުގެ ބޮޑު ބައެއް ނިމިފައިވާއިރު، މުސާރައާއި، އުޖޫރަ އަދި ޕެންޝަންގެ ޚަރަދުތައް ހުރީ ޖުމްލަ 5.3 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރަށްވުރެ 10.1 އިންސައްތަ އިތުރު އަދަދެކެވެ.