އެ މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 33 މެމްބަރަކު ވޯޓު ދެއްވުމުން އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓޫރިޒަމް ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާމެދު ރައްޔިތުންގެ މަޖިލީހުން ބަހުސް ވެސް ނުކޮށް، ބޭރުކޮށްލައިފި އެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ މެދު މަޖިލީހުގައި ބަހުސްކުރުމަށްޓަކައި މައްސަލައެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރެވެ.
މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ވަނީ، މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 7،000 އިން 4،000 އަށް ދަށް ވެފައިވާކަން ފާހަގަކުރައްވައިފަ އެވެ. އަދި ދުވާލަކު 2،000 ބުކިން ކެންސަލްވުމުގެ ސަބަބުން ފަތުރުވެރިން ޒިޔާރަތް ކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވަމުން އަންނަކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ.
އެކަމުގެ ސަބަބުން، ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ގެއްލުންވެ، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް، މައުރޫފް ވިދާޅުވި އެވެ.
މިގޮތުން، ސަރުކާރުން އެޅުމަށް މައުރޫފް ހުށަހެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ލޯނާއި އިންކަމް ސަޕޯޓް އެލަވަންސް ތައާރަފްކުރުމާއި،
ލޯނުގެ އަސްލު ފައިސާ ދެއްކުން ހަ މަހަށް މެދުކަނޑައިލުމާއި، ޔޫޓިލިޓީ ސަބްސިޑީ ދިނުމާއި ރިސޯޓު ކުއްޔާއި އެއާޕޯޓު ޗާޖު މި ވަގުތަށް ކުޑަކުރުން ހިމެނެ އެވެ.
ނަމަވެސް، އެ މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 33 މެމްބަރަކު ވޯޓު ދެއްވުމުން އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.