މާލޭގެ ވަޒީފާތަކުގަ ގިނައީ ބިދޭސީން، ވަޒީފާ ނެތީ ދިވެހިން

ސާވޭގައިވާ ގޮތުން މާލެ ސަރަހައްދުގައި ބިދޭސީ އާބާދީގެ %97.5 މީހުން ވަޒީފާގައި ތިބިއިރު، ދިވެހި އާބާދީގެ ވަޒީފާގައި ތިބީ އެންމެ 64.5 ޕަސެންޓް މީހުންނެވެ. ގިނައިން ހަރަކާތެރިވަނީ އަމިއްލަ ވިޔަފާރިތަކުގަ އެވެ.

ބިދޭސީއަކު މަސައްކަތް ކުރަނީ: ބިދޭސީންގެ ޑާޓާ ނަގަން ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައި ދަ މިރާ

މާލޭގައި ވަޒީފާތަކުގައި ގިނައިން ތިބީ ދިވެހިން ކަމަށާ، ވަޒީފާނެތި މަގުމަތިވެފައި ތިބި އާބާދީ ދިވެހިންގެ މަތި ކަމަށް ދައްކައިފި އެވެ. 

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން 2024 އޮކްޓޯބަރުން 2025 ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށްގެންދިޔަ "ލޭބަ ފޯސް ސާވޭ" އިން ދައްކާ ގޮތުގައި، މާލޭގައި ދިރިއުޅޭ މަސައްކަތްކުރާ އުމުރުގެ (15 އަހަރުން މަތީގެ) އާބާދީގެ ތިންބައިކުޅަ އެއްބައި ނުވަތަ 32 ޕަސެންޓަކީ ބިދޭސީންނެވެ. މިއީ ގާތްގަނޑަކަށް 59,933 ބިދޭސީންނެވެ. 

ބިދޭސީންގެ ތެރެއިން ވަޒީފާ އަދާކުރާ މިންވަރަކީ 97.5 ޕަސެންޓެވެ. މިއީ 58,459 މީހުންނެވެ. އަދި ބިދޭސީ ފިރިހެނުންގެ 99.1 ޕަސެންޓް ވަޒީފާގައި ތިބިއިރު، ބިދޭސީ އަންހެނުންގެ މި ނިސްބަތަކީ 83.9 ޕަސެންޓެވެ. އަދި ބިދޭސީން ވަޒީފާގެ ބާޒާރުގައި ބައިވެރިވާ ނިސްބަތް އުޅެނީ 97.8 ޕަސެންޓްގަ އެވެ.

ބިދޭސީންގެ ބޮޑުބައެއް، ހާއްސަކޮށް ފިރިހެނުން މަސައްކަތްކުރަނީ ސެކަންޑަރީ އިންޑަސްޓްރީތަކުގަ ގައެވެ. މި ދާއިރާގައި މަސައްކަތްކުރާ މީހުންގެ 65.9 ޕަސެންޓަކީ ބިދޭސީންނެވެ. ބިދޭސީންނަށް އެންމެ ގިނައިން ވަޒީފާގެ ފުރުސަތު ފޯރުކޮށްދެނީ އަމިއްލަ ވިޔަފާރިތަކުންނެވެ. ބިދޭސީންގެ 88.6 ޕަސެންޓް ވަޒީފާ އަދާކުރަނީ ޕްރައިވެޓް ސެކްޓަރުގަ އެވެ. ވަޒީފާ އަދާކުރާ މުޅި އާބާދީއަށް ބަލާއިރު، ބިދޭސީންގެ ހިއްސާއަކީ 41.4 ޕަސެންޓެވެ. 

ސާވޭއިން އެނގޭ ގޮތުން ދިވެހިންގެ ގިނަ ބަޔަކު ވަޒީފާ އަދާކުރަނީ ދައުލަތުގެ ވަޒީފާ ތަކުގަ އެވެ. ދިވެހިންގެ 53.3 ޕަސެންޓް މީހުން ވަޒީފާ އަދާކުރަނީ ދައުލަތުގެ އެކި އިދާރާތަކުގަ އެވެ. މީގެ ތެރޭގައި ސިވިލް ސާވިސް، މިނިވަން މުއައްސަސާތައް، ޝަރުއީ ދާއިރާ އާއި ފުލުހުންނާއި ސިފައިން އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނެ އެވެ. 

މާލެ ސަރަހައްދުގެ ޖުމްލަ ވަޒީފާގެ އާބާދީ 188,062

މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އުމުރު ކަމަށްވާ 15 އަހަރުން މަތީގެ އާބާދީ 188,062 އަށް އަރަ އެވެ. މީގެ ތެރެއިން 68.1 ޕަސެންޓަކީ ދިވެހިންނެވެ. ބާކީ 32 ޕަސެންޓަކީ ބިދޭސީންނެވެ. އަދި މުޅި އާބާދީގެ 75 ޕަސެންޓް ނުވަތަ 141,039 މީހުން ވަޒީފާ އަދާކުރަމުންދާއިރު، ބިދޭސީންގެ ވަޒީފާގެ ނިސްބަތް ހުރީ ވަރަށް މަތީގަ އެވެ. 

ދެ ޖިންސުގައި ވަޒީފާގެ ތަފާތު

  •  މަސައްކަތު އުމުރު - 188,062
  •  މަސައްކަތްތެރި އާބާދީ - 144,328
  •  ވަޒީފާގަ ތިބި - 141,039
  •  ވަޒީފާ ނެތް - 3,289
  •  ވަޒީފާގެ ބާޒާރުން ބޭރުގައި ތިބި ޖުމްލަ - 43,734
  •  ވަޒީފާގައި ތިބި އަންހެން - 38,221
  •  ވަޒީފާ ނެތް އަންހެން - 1,545
  •  ވަޒީފާގަ ތިބި ފިރިހެން - 102,818
  •  ވަޒީފާ ނެތް ފިރިހެން - 1,744

މި ސާވޭއިން ދައްކާ ގޮތުން  141,039 މީހުން ވަޒީފާ އަދާކުރެ އެވެ. އަދި ވަޒީފާ ނެތް މީހުންގެ އަދަދަކީ 3,289 މީހުން (1.7 ޕަސެންޓް) އެވެ. އަދި ވަޒީފާގެ ބާޒާރުން ބޭރުގައި 43,734 މީހުން (23.3 ޕަސެންޓް) ތިބި ކަމަށް ދައްކަ އެވެ. މީގެ ތެރޭގައި 12,719 ފިރިހެނުންނާއި 31,015 އަންހެނުން ހިމެނެ އެވެ. 

މި ސާވޭ އިން އެނގުނު ގޮތުގައި މަސައްކަތްކުރާ އުމުރުގެ އާބާދީގެ 31.9 ޕަސެންޓަކީ ބިދޭސީންނެވެ. އަދި މާލޭގައި ވަޒީފާ އަދާކުރާ މީހުންގެ 41.4 ޕަސެންޓަކީ ބިދޭސީންނެވެ. ވަޒީފާ ނެތް މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. މީގެ ތެރޭގައި ހިމެނޭ ފިރިހެނުންގެ ނިސްބަތަކީ 50.9 ޕަސެންޓެވެ. އަދި އަންހެނުންގެ ނިސްބަތް ހުރީ 44.9 ޕަސެންޓްގަ އެވެ.

ވަގުތު އޮވެ ވަޒީފާއަށް ދާން ބޭނުން ނުވާ 2,398 މީހުން !

ވަޒީފާގެ ބާޒާރުގައި ބައިވެރިވާ ނިސްބަތަށް ބަލާއިރު ފިރިހެނުންނާއި އަންހެނުންގެ މެދުގައި ވަރަށް ބޮޑު ފަރަގެއް ހުރިކަން ސާވޭއިން އެނގެ އެވެ. ފިރިހެނުންގެ 87.7 ޕަސެންޓް މީހުން ވަޒީފާ އަދާކުރާއިރު، ވަޒީފާގެ ބާޒާރުން ބޭރުގައި އުޅެނީ 10.8 ޕަސެންޓއވެ. އަދި ވަޒީފާ އަދާކުރަނީ އެންމެ 54.0 ޕަސެންޓެވެ. އަދި އާބާދީގެ ބޮޑު ބައެއް ކަމަށްވާ 43.8 ޕަސެންޓް އަންހެނުން ތިބީ ވަޒީފާގެ ބާޒާރުން ބޭރުގަ އެވެ. 

މި ސާވޭ އިން ފާހަގަކުރެވުނު އެންމެ ބޮޑު އެއް ކަމަކީ ވަޒީފާގެ ބާޒާރުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި އޮތް ފަރަގެވެ. މާލޭގައި އުޅޭ ފިރިހެނުންގެ 87.7 ޕަސެންޓް މީހުން ވަޒީފާ އަދާކުރާއިރު، އަންހެނުންގެ މި ނިސްބަތް އުޅެނީ 54.0 ޕަސެންޓްގަ އެވެ. ވަޒީފާ ނުލިބިގެން ހޯދަން މަސައްކަތްކުރާ އަންހެނުންގެ ނިސްބަތް ވެސް ފިރިހެނުންނަށްވުރެ އިތުރެވެ.

ސާވޭ އިން އެނގުނު ގޮތުގައި ވަޒީފާ ނެތް މީހުންގެ ރޭޓް މުޅި އާބާދީގައި 2.3 ޕަސެންޓްގައި ހުރި ނަމަވެސް، މިއީ ބިދޭސީން ހިމަނައިގެން ބަލާ އަދަދެކެވެ. ހަމައެކަނި ދިވެހިންނަށް ބަލާއިރު ވަޒީފާނެތް މީހުންގެ ރޭޓް ހުރީ 3.7 ޕަސެންޓްގަ އެވެ. މީގެ ތެރެއިންވެސް ޒުވާނުންގެ (15-34 އަހަރު) މެދުގައި ވަޒީފާނެތް މީހުންގެ ނިސްބަތް ހުރީ 4.6 ޕަސެންޓްގަ އެވެ. 

މާލޭގައި ދިރިއުޅޭ 2,398 މީހުންނަކީ ވަގުތު އޮވެ އިތުރަށް މަސައްކަތް ކުރަން ނުވާ މީހުންނެވެ. މީގެ ތެރޭގައި ގިނައީ ދިވެހި އަންހެނުންނެވެ. އަދި ވަޒީފާ ހޯދަން ތައްޔާރަށް ތިބި 6,269 މީހުން ތިބި ނަމަވެސް އެކި ސަބަބުތަކާހުރެ ވަޒީފާ ހޯދަން ރަސްމީކޮށް އެ މީހުން މަސައްކަތެއް ނުކުރެ އެވެ. މީގެ 60.3 ޕަސެންޓަކީ އަންހެނުންނެވެ. އަދި ޖުމްލަ ގޮތެއްގައި ވަޒީފާގެ ދަތިކަމާއި މަސައްކަތުގެ ވަގުތު މަދުވުމާއި ވަޒީފާގެ ބާޒާރަށް ނުނިކުމެ ތިބި މީހުންގެ ނިސްބަތަށް ބަލާއިރު އަންހެނުންގެ ނިސްބަތް ހުރީ 15.2 ޕަސެންޓްގަ އެވެ. ނަމަވެސް ފިރިހެނުންގެ މި އަދަދު އުޅެނީ އެންމެ 5.0 ޕަސެންޓްގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.