ރައީސް މިހެން ވިދާޅުވީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ހާއްސަ ޖާފަތުގައި ރޭ ވާހަކަފުޅު ދައްކަވަމުން

ކުދި ގައުމުތައް ދެމި އޮތުމުގެ ހައްގާއި ކުރިއެރުމަށް ފުރުސަތު ހޯދުމަށް ރާއްޖެ އާއި ސްރީ ލަންކާ ގުޅިގެން އަޑުއުފުލަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ލަންކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ހާއްސަ ޖާފަތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ޒަމާނުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމީ ބަދަލުތަކެވެ.
އެއީ ދުރު މުސްތަގުބަލެއްގައި ހާސްވާން ޖެހޭ މައްސަލައެއް ނޫން ކަމަށާއި އެކަމަކީ ކޮންމެ ތަހަންމަލު ކުރަން ޖެހޭ ހަގީގަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"މޫސުމީ އަދުލުވެރިކަން ހޯދުމަށާއި ކުދި ގައުމުތަކަށް ދެމިއޮތުމުގެ ހައްގާއި ކުރިއެރުމުގެ ފުރުސަތު ހޯދައި ދިނުމަށްޓަކައި އަޅުގަނޑުމެން އެކުގައި އަޑުއުފުލުމުގައި ދެމިތިބެންޖެހޭ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އާ އީޖާދުތަކާއި ވިލުންވެރިކަން އިތުރު ކުރުމާއި ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތުކުރުމުގެ ތެރެއިން ރާއްޖެ އާއި ލަންކާގެ އެ ނާޒުކު ހާލަތު ވަރުގަދަ ބާރަކަށް ބަދަލު ކުރުމަށް އަތުގުޅާލަން ޖެހޭ ކަމަށެވެ.
ތައުލީމީ ސިއްހީ އަދި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ދާއިރާ އިން ލަންކާ އިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކަކީ ރާއްޖެއިން އަބަދުވެސް ނަމޫނާއެއް ގޮތުގައި ބަލާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. ކުރިޔަށް އޮތްތަނުގައި އެ ދާއިރާތަކުން ޒުވާނުން ބާރުވެރި ކުރުވައި މުޖުތަމައު ކުރިއެރުވުމަށް އިތުރަށް ގުޅުން ބަދަހި ކުރުމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.