ކޯޓަށް މައްސަލަ ހުށަހެޅުމާއެކު އެމްޑީޕީގައި ދެބަސްވުން

އެ މައްސަލާގައި މީކާއިލް އާއި ނަޝީދުގެ ފަރާތުން ވަނީ ބަހުގެ ހަމާލާތަކެއް ދީފަ

ނަޝީދާއި މީކާއިލް: ދެ ކެންޑިޑޭޓުން ދެމެދު އޮތް ވާދަވެރިކަން ދަނީ ބޮޑުވަމުން--

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ގުޅޭ ގޮތުން އެ ޕާޓީން ނިންމި ނިންމުން ބާތިލް ކުރަން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމާއެކު އެ ޕާޓީގެ ތެރޭގެ ދެ ފެކްޝަން ދެމެދު މައްސަލަތައް ބޮޑުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވާދަކުރައްވާ ޗެއާޕާސަން އިންތިހާބު ބާތިލް ކުރަން ކޯޓަށް މައްސަލައެއް ހުށަހެޅީ އަބްދުﷲ ޝާއިރު އެވެ.

އެ މައްސަލާގައި ބުނެފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ އެމްޑީޕީގެ މެމްބަރުން ކަނޑައެޅުމުގައި ކުއްލި ސުންގަޑިއެއް ކަނޑައެޅުމަކީ އެ ޕާޓީގެ މެންބަރުންގެ ހައްގުތަކަށް އުނިކަން އަންނަ ކަމެއް ކަމަށެވެ. 

އެ އިއުލާނަކީ ނަޝީދުގެ ކެމްޕެއިނަށް ހުރަސް އެޅޭ ގޮތަށް ނެރުނު އިއުލާނެއް ކަމަށާއި އެއީ އެއީ ޕާޓީގެ ގަވާއިދުތަކާއި ގާނޫނުއަސާސީގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އިންސާފުގެ ހަމަތަކާ ފުށުއަރާ ގާނޫނީ ހައިސިއްޔަތެއް ނެތް ނިންމުމެއް ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.

އެހެންކަމުން ޗެއާޕާސަންގެ އިންތިހާބަށް އެމްޑީޕީން ކުރި އިއުލާން ބާތިލްކޮށް އެ އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ހިންގުމުގެ މަސްއޫލިއްޔަތު ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށް ދޭން ޖެހޭ ކަމަށް ކަނޑައަޅައިދިނުމަށް ވަނީ އެދިފަ އެވެ.

އެ މައްސަލައާ ހަވާލު ނުވެ، ދެ ފަރާތުގެ ރައްދު

އެ މައްސަލަ ހުށަހެޅުއްވި ޝާއިރަކީ ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އެ މައްސަލާގައި މީކާއިލްގެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ކަންކަން ހައްލު ކުރަން ކޯޓުތަކަށް ދިޔުމަކީ ޕާޓީގެ މަސްލަހަތު ނަގާލުން ކަމަށެވެ. 

އެމްޑީޕީގެ އަގު ވައްޓާ ނުލައި ވޯޓުގެ ކަންކަން ނިންމުމަށް ވެސް ނަޝީދު ފެކްޝަނަށް މީކާއިލް ގޮވާލި އެވެ.

އެކަމަށް ރައްދު ދެއްވައި ނަޝީދުގެ ފަރާތުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޝާއިރު ކޯޓަށް މައްސަލައެއް ހުށަހެޅީ ނަޝީދުގެ ފަރާތުން ނޫން ކަމަށާއި އެގޮތަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުން ކުށްވެރި ކުރައްވާ ކަމަށެވެ. 

އެފަދަ ދޮގު ވާހަކަ ފެތުރުމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް އޮންނަ އިތުބާރު ގެއްލި މައްސަލަހަތަށް ހިޔަނި އެޅޭ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޓީމުގެ ފަރާތުން އެދެނީ ވޯޓު ލުމުގެ ފުރުސަތު އެ ޕާޓީގެ މެންބަރުންނަށް ވީހާވެސް އަވަހަށް ދިނުމަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޗެއާޕާސަންގެ އިންތިހާބާ ގުޅިގެން އެމްޑީޕީގެ ތެރޭގެ ކުރިން ވެސް އޮތް ވާދަވެރިކަން ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.