ޕީއެންއެފް މުޒާހަރާ: އީސީން ފަހުގެ އިންޒާރު ދީފި

އީސީން އިންޒާރު ދިނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވާ މައްސަލައިގަ އެވެ.

ކުރީގެރައީސް ޔާމިން އަދި ޕީއެންއެފްގެ ލީޑަރުން -- ފައިލް ފޮޓޯ: ދަ މިރާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ހިންގަވާ ޕީއެންއެފް އަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންޒާރު ދީފި އެވެ.

އެ ކޮމިޝަނުން ޕީއެންއެފް އަށް އިންޒާރު ދީފައި ވަނީ އެ ޕާޓީން މާލޭގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެ ޕާޓީ އަށް ތަކުރާރުކޮށް ސިޓީ ފޮނުވުމަށް ފަހު އީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެހެން ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ހަރަކާތްތައް ބޭއްވުމަކީ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ.

އޭގެ އިތުރުން އެހެން ޕާޓީއަކުން ހިންގާ ބައްދަލުވުމަކަށް ހުރަސް އެޅޭ ފަދަ އަމަލެއް ކުރުމަކީ ވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށް އީސީން ބުންޏެވެ. 

އެ މައްސަލަތަކާ ގުޅިގެން އެފަދަ އަމަލުތައް ނުހިންގުމަށް އެ ޕާޓީ އަށް ނަސޭހަތްތެރިވެ އަންގާފައިވާ ކަމަށް އީސީން ބުންޏެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ ކޮމިޝަނަށް ހާޒިރުވުމަށް ދަންނަވާފައިވީ ނަމަވެސް އެކަމަށް އެ ޕާޓީން އުޒުރުވެރިވެފައިވާ ކަމަށް އީސީން ބުންޏެވެ. 

"..އިސްވެ ބަޔާންކުރެވުނު އަމަލުތައް ތަކުރާރުވާނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު މި ކޮމިޝަނުން އަޅާނެ ވާހަކަ ދަންނަވަން." އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އީސީން މީގެ ކުރިން ވަނީ އެ ޕާޓީން ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކާއި ބަސްތައް ބޭނުން ކުރާ މައްސަލާގައި ވެސް ޕީއެންއެފް އަށް ސިޓީއެއް ފޮނުވައިފަ އެވެ. 

އެ މުޒާހަރާތައް ލައިވް ކުރުން ހުއްޓުވަން ވެސް މޯލްޑިވްސް މީޑިއާ ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ވަނީ އަންގައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.