ބަރުލަމާނީ ނިޒާމުގެ އެންމެ މައިގަނޑު ސިފައެއް އޭނާ ހުށަހަޅާ ބަދަލުގައި ނުހިމެނޭނެ ކަމަށް ފައްޔާޒް ވިދާޅުވި

ގާނޫނުއަސާސީ އަށް ގެންނަން ހުށަހަޅާ ބޮޑު ބަދަލަކީ ބަރުލަމާނީ ނިޒާމާ މުޅިން ދެކޮޅު ހިޔާލެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒް ގުޅިގެން އަންނަނީ "ބޮޑު ބަދަލު" ގެ ނަމުގައި އެކުގައި ކެމްޕެއިން ކުރައްވައި ގާނޫނުއަސާސީ އާއި ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ހުށަހަޅުއްވަމުންނެވެ.
އެގޮތުން ދައުލަތް ހިންގުމަށް ވަކި ފަރާތަކާއި ސަރުކާރު ހިންގަން ވަކި ފަރާތެއް ހުންނަން ޖެހޭ ކަމަށް ދެ ބޭފުޅުން ގެންދަވަނީ ވަކާލާތު ކުރަމުންނެވެ. މިއީ ބަރުލަމާނީ ނިޒާމު ހިނގައި ގައުމުތަކުގައި އޮންނަ އުސޫލެވެ.
އެހެން ނަމަވެސް މާފަންނު ދާއިރާގެ އެމްޑީޕީގެ މެންބަރުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ އެންމެ މުހިންމު ސިފައަކީ ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހޮވުން ކަމަށެވެ.
އެހެން ނަމަވެސް އޭނާ ހުށަހަޅަނީ ސަރުކާރުގެ ވެރިޔާ މިހާރު ވެސް އޮންނަ ގޮތަށް ސީދާ ރައްޔިތުން އިންތިހާބު ކުރުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"މިއީ ބަރުލަމާނީ ނިޒާމަކާ މުޅިން އިދިކޮޅު ވާހަކައެއް. އަޅުގަނޑުމެން މި ދައްކަނީ ސަރުކާރުގެ ވެރިޔާ ރައްޔިތުން ސީދާ ހޮވާ ވާހަކަ. އެއީ ބަރުލަމާނީ ނިޒާމުގައި އެއްވެސް ގޮތަކަށް ކުރާ ކަމެއް ނޫން." ފައްޔާޒް ވިދާޅުވި އެވެ.
އޭގެ އިތުރުން ދައުލަތުގެ ވެރިޔަކީ ތިން ބާރުގެ މައްޗަށް ހުންނަ މީހެއް ކަމަށާއި އޭނާއަކީ ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމާއި ގާނޫނުއަސާސީ އާއި ހައްގުތަކާއި ސިޔާސީ ހަމަޖެހުން ގާއިމް ކުރަން މަސައްކަތް ކުރާ މީހެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ހުށަހަޅާފައި ވަނީ ދައުލަތުގެ ވެރިއަކަށް ނަޝީދު އަދި ސަރުކާރުގެ ވެރިއަކަށް އޭނާ އިންތިހާބުވުމެވެ.
އެކަން ކުރުމަށް އެމްޑީޕީގެ ތާއީދު ހޯދަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.