މި ހަފުތާ އެއް ނަކަތް ނިމި އަނެއް ގަދަ ވިއްސާރައިގެ ނަކަތް ލައްވާލާނެއެވެ. އެއީ މާދަމާ ނިމޭ ބުރުނު ނަކަތާއި މިމަހުގެ 19-6 އަށް ދެމިގެންދާ ކެތި ނަކަތެވެ.

މި ދުވަސްވަރަށް އިހުގެ މުސްކުޅިން ބުނެ އުޅެ އެވެ ؛ ބުރުނު ބުރުނުހެން އައިސްފިއްޔާ ހުޅަނގު އަންނާނީ ހުޅަނގުހެން އެވެ. މިއީ އިހުގައި ކިޔާ އުޅުނު މުސްކުޅި ބަހެކެވެ. މުސްކުޅިން ވަރަށް ބޮޑަށް ގަބޫލުކުރާ ގަބޫލު ކުރުމެވެ. މާނައަކީ "ބުރުނު" ނަކަތުގައި އާންމުކޮށް ވާރޭވެހި ވައިގަދަވެ، މޫސުން ގޯސްވާނަމަ ދެން އަންނަ ހުޅަނގު މޫސުމަކީ ވަރަށް ބާރުގަދަ، ވާރޭވެހޭނެ މޫސުމެއް ކަމެވެ. މި އޮތީ އެ މޫސުން އައިސްފަ އެވެ. މިދިޔަ މަހުގެ 22 އިން ފެށިގެން މާދަމާގެ ނިޔަލަށް މިދަނީ ބުރުނު ނަކަތެވެ.
"ބުރުނު" މި ނަކަތަކީ ހުޅަނގު މޫސުމުގެ ދެވަނަ ނަކަތެވެ. މި ނަކަތް ފެށިގެންދަނީ ގަދަވަޔާއި ވިއްސާރައިންނެވެ. ވައި ގަދަވުމުގެ އިތުރުން ކަނޑުތައް ވެސް ގަދަދާނެ އެވެ. ނަމަވެސް ފަހަށް ދާވަރަކަށް ވައިމަޑުވެ އަވިގަދަވެ މޫސުން ރަނގަޅުވާނެ އެވެ. މި ނަކަތަކީ ވައި އެނބުރޭ ނަކަތަކަށްވާތީ ވައި ޖެހޭނީ އެކި ފަހަރު އެކި ދިމާލުންނެވެ. އެކަމަކު އާއްމުކޮށް ވައިޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން އާއްމު ގޮތެއްގައި ހުންނާނީ 18.52 ކިލޯމީޓަރު ބާރު މިނުގައެވެ. އެވްރެޖުކޮށް ވާރޭ ވެހޭނީ 2.59 އިންޗި އަށެވެ. އަވި ދޭނީ އެވްރެޖްކޮށް 115.4 ގަޑިއިރަށެވެ. މިއީ މަސްވެރިކަން އެހާ ރަނގަޅު ނަކަތެއްނޫނެވެ.
މި ނަކަތް ނިމުމާއެކު ބުދަ ދުވަހު ފެށިގެންދާނީ ހުޅަނގުގެ ތިންވަނަ ނަކަތެވެ. އެއީ ކެތި ނަކަތެވެ. ހިންދީ ބަހުން މި ނަކަތަށް ކިޔަނީ "ކްރިއްތިކާ" އެވެ. އަރަބި ބަހުންނަމަ މިއީ "އައްތުރައްޔާ" އެވެ. މިއީ އުޑުމަތި ބަނަ ދޭތެއަކުން ވިއްސާރަ ވެހޭ ނަކަތެވެ. އިހުގައި ގަބޫލު ކުރާ ގޮތުނަމަ މި ނަކަތުގައި ހަތް ކޮޅިގަނޑު އަންނާނެ އެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ފެށޭނީ ނިނަކަތުންނެވެ. މިއީ ވައިގެ ބާރުމިން 20.37 ކިލޯ މީޓަރަަށް އުފުލޭނެ ނަކަތެކެވެ. އަދި އެވްރެޖްކޮށް 4.41 އިންޗިއަށް ވާރޭ ވެހޭނެ އެވެ.
"ބުރުނު" އަދި "ކެތި" ނަކަތް ލައްވާލާއިރު ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އޮފީހުންވެސް ވަނީ ލަފާކޮށްފަ އެވެ. މެޓް އޮފީހުން ވަނީ ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް ބުނެފަ އެވެ. އަދި މެދުރާއްޖެ ތެރެއަށް "ރީނދޫ" ސަމާލު ވެސް ނެރެފައިވެ އެވެ. މިއަދުވެސް ވަނީ މާލެއަށް ބޯކޮށް ވާރޭ ވެހިފަ އެވެ.