ބުރަ މަސައްކަތުން ހޯދި އެ ހައްގުތައް ގެއްލުނަ ދީގެން ނުވާނެ ކަމަށް ފައްޔާޒް ވިދާޅުވި

ބުރަ މަސައްކަތުން ހޯދި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން މި ސަރުކާރުގައި 2008 ވަނަ އަހަރުގެ ކުރިން އޮތް ހާލަތަށް ސޮއްސާލާފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން އުފެއްދި "މީޑިއާ ކޮންޓްރޯލް ބިލް" އާއި "ކޮންޓްރޯލް ކޮމިޝަން" އަކީ ނޫސްވެރިންނަށް ބިރު ދެއްކުމާއި މިނިވަން ނޫސްވެރިކަމުގެ އަޑު ކަނޑުވާލަން ރައީސް ބޭނުން ކުރައްވާ ހަތިޔާރެކެވެ.
ސަރުކާރުގެ ނާގާބިލްކަމާއި ދައުލަތުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ ވާހަކަ ދައްކާ ނޫސްވެރިންގެ އިންޒާރުދީ ގޯނާ ކުރަމުން އަންނަ ކަމަށާއި އެފަދަ ކަންކަމުން ނޫސްވެރިން ރައްކާތެރި ކުރަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"ކޮންޓްރޯލް ބިލް އުވާލައި ނޫސްވެރިން އަމިއްލަ އަށް ރެގިއުލޭޓްކުރާ މިނިވަން ނޫސްވެރިކަމަކަށް މަގުފަހިކޮށްދީ ހުރަހެއްނެތި ހިޔާލު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭ،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ގާނޫނުއަސާސީގެ 27 ވަނަ މާޢްދާއަކީ ހަމައެކަނި ކަރުދާހެއްގައި ލިޔެފައިވާ އިބާރާތްތަކަކަށް ވުމުގެ ބަދަލުގައި އެއީ ތަންފީޒުވާ ހައްގަކަށް ހަދަންޖެހޭ ކަމަށެވެ.