ބީއެމްއެލް އިން ވަނީ ޑޮލަރު ލިބުން މަދުވުމުން ޑޮލަރު ދޫކުރުމުގައި "ކޮންޓްރޯލްތަކެއް" އަޅުވަން ނިންމާފަ އެވެ. އަދި ޓީއެމްއޭ އާއި މަންތާއިން ވަނީ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމާފަ އެވެ.

ރާއްޖޭގެ އިގްތިސޯދު ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ފެނުނީ އަލިކޮށެވެ. ފުސްކޮޅެއް ނެތި ނޫކޮށެވެ. މުޅި އިގްތިސޯދު ންވެސް ފެނުނީ އުޖާލާކަމެވެ. ބޮޑު ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން އޮތުމާއެކު މާކަބޮޑު ހާސްކަމެއް ނެތެވެ. މީގެ ސަބަބަކީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވުމެވެ. ޓޫރިސްޓުންގެ ނަމްބަރުތައް ވެސް ފެނުނީ ހެޔޮކޮށެވެ. ނަމަވެސް އެމެރިކާ އާއި އިސްރާއިލުން އިސްވެ އޮވެ، އީރާނަށް ދޭން ފެށި ހަަމަލާތަކާއެކު އެ ގައުމުގެ "ނަފުސުގެ ރައްދު" ފެށުމާއެކު މުޅި ދުނިޔޭގެ ނިޒާމުގެ އެނބުރިގެން ދިޔަ އެވެ. މި އެނބުރުންގަނޑުގެ އަސަރު އެންމެ ބޮޑަށް ކުރި ގައުމަކީ އެއް ރާއްޖެ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ މައި "ޗެކިން ޕޮއިންޓް" ކަމަށްވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް ބަންދު ކުރުމާއެކު މުޅި ޓޫރިޒަމް ގާތްގަނޑަކަށް ހުއްޓިގެން ދިޔަ އެވެ.
ރާއްޖެ އަށް އަންނަ ފްލައިޓްތަކުގެ 90 ޕަސެންޓް ކެންސަލްގެ މަތީ ފަންތީގެ ޓޫރިސްޓުން އައުން ހުއްޓުނެވެ. އޭގެފަހުން މަޑުމަޑުން ޓޫރިޒަމް ހުޅުވުނަސް އަސްލު ހަގީގަތުގައި ޓޫރިޒަމް ހަމަ އިސްކޮޅަށް ތެދުވެވޭނެ ގޮތެއް ނުވެ އެވެ. ޓޫރިޒަމް މި ވަގުތު ވެސް އޮތީ 20 ޕަސެންޓަށްވުރެ ބޮޑު ދަށްވުމެއްގަ އެވެ. ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދުން 4،000 މީހުން އުނިވާ ހާލަތުގަ އެވެ. މީގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލައްވައިލަން އުޅޭ ބޮޑު ކޮޅިގަނޑެއްގެ ވައި ރޯޅީގެ އިހުސާސް އެންމެފަހުން މި ވާން ފެށީ އިއްޔެ ގައުމީ ބޭންކް އިން އެޅި ފިޔަވަޅުންނެވެ. އޭގެކުރިން އެތެރޭގައި ޓޫރިސްޓުން އުފުލާ ޓީއެމްއެމްއޭ / އާއި މަންތާ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމުމަކަކީ މިކަމުގެ ސީރިއަސްކަން ވަޒަން ކުރެވުނު ކަމެވެ.
ބީއެމްއެލް އިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ / އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި ޓޫރިޒަމް ހީނަރުވުމުގެ ސަބަބުން ބޭންކް އަށް ވަންނަ ޑޮލަރުގެ އަދަދު ވަނީ ބޮޑުތަނުން މަދުވެފަ އެވެ. މިއާޢެކު ރާއްޖޭން ބޭރުވާ ޑޮލަރުގެ އަދަދު ވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ. - މިއީ މައިގަނޑު މައްސަލައިގެ ފެށުމެވެ.

ގައުމީ ބޭންކް އިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ މިންވަރު ހުރީ 1.05 ބިލިއަން ޑޮލަރުގަ އެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 1.45 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މި އަހަރުގެ ހަތަރު މަސް ދުވަހުގެ ތެރޭގައި އިތުރަށް 100 މިލިއަން ޑޮލަރު ވަނީ ބޭރުފަ އެވެ. އަދި އެޕްރީލް މަހު ރާއްޖޭން ބޭރުން އައި ފައިސާގެ ނިސްބަތް އުޅެނީ 36 މިލިއަން ޑޮލަރުގަ އެވެ. ނަމަވެސް ބޭރުވި ފައިސާގެ މިންވަރު ހުރީ 410 މިލިއަން ޑޮލަރުގަ އެވެ.
މި މުއްދަތުގައި ބޭރުވި ފައިސާގެ ބޮޑު ބަޔަކީ ބުކިންތައް ކެންސަލްވުމުން ދައްކަން ޖެހުނު ފައިސާގެ އިތުރުން ޓޫރިޒަމާ ގުޅުންހުރި އެހެން ފައިސާ އެވެ. އެހެންވެ ބީއެމްއެލް އިން ވަނީ ޑޮލަރު ވިއްކުމުގައި "ތަޅު ތަކެއް" އަޅުވަން ނިންމާފަ އެވެ. އަދި ޑޮލަރު ދޫކުރުން ކޮންޓްރޯލްކޮށްފަ އެވެ. މިގޮތުން ހައްދެއް ނެތި އޮތް އީ-ކޮމާސް ދާއިރާ އަށް ލިމިޓް ތަކެއްލުމާއި ބޭރަށްދާއިރު ހިތު ހުރިވަރަށް އެންމެންގެ ކާޑުތައް ހިފައިގެން ދިއުން ހުއްޓުވުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ.
ބޭންކުގެ އިތުރުން ޓީއެމްއޭ އާއި މަންތާ އިން ވެސް ވަނީ ފިޔަވަޅު ތަކެއް އަޅަން ނިންމާފަ އެވެ. މަންޓާ އެއާގެ މެނޭޖްމަންޓުން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސް ތަކަށް ބަދަލު ގެންނަން ނިންމާފަ އެވެ. މިއީ ޓޫރިޒަމް ބުކިންތައް ކެންސަލްވަމުން ދިއުމާއި ކުރިއަށް ހުރި މަސްތަކުގެ ބުކިންތައް މަދުވުމުގެ ސަބަބުން ކުންފުނީގެ ހިންގުމަށް ބުރޫއަރާތީ، މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި މި ބަދަލު ފުރަތަމަ ތަންފީޒު ކުރާނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ.
އަދި ޖުލައި މަހުގެ ނިޔަލަށް މި ނިންމުން މުރާޖައާކޮށް، ހާލަތަށް ބަލައި އިތުރު ގޮތެއް ނިންމާނެ އެވެ.

ޓީއެމްއޭގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް އިން ވެސް ވަނީ މުވައްޒަފުންގެ މުސާރަ ވަގުތީ ގޮތުން ކުޑަކުރަން ނިންމާފަ އެވެ. ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ފްލައިޓްތައް ކެންސަލްވުމާއި ފަތުރުވެރިން އައުން މަދުވުމުގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަންތައް ދެމެހެއްޓުމަށްޓަކައި މުސާރަ ކުޑަކުރުން މަޖުބޫރުވެފައިވާ ކަމަށެވެ.
ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ބަލާއިރު 825,924 ޓޫރިސްޓުން އައިނަމަވެސް މި އަހަރުގެ މިހާތަނަށް އައިސްފައިވަނީ 786,529 ޓޫރިސްޓުންނެވެ. މިއީ 25.6 ޕަސެންޓް ވަނީ ދަށްވެފަ އެވެ.
މާނައަކީ 39,395 ޓޫރިސްޓުން ވަނީ މިދިޔަ އަހަރަށްވުރެ މަދުވެފަ އެވެ. މިދަށްވުން މެދިގެންދާނަމަ އިތުރު ގެއްލުން ތަކެއް ވާނެ އެވެ. ޔަގީނުން އެނގޭ ކަމަކީ އެއާޓެކްސީގެ ހިދުމަތްދޭ ކުންފުންޏާއި ބޭންކް އިން އެޅި މި ފިޔަވަޅަކީ އަންނަން އުޅޭ ތޫފާނެއްގެ ކޮޅިގަނޑުގެ ފައި ފަށަލަ ލައްލާލުމުގެ އަލާމާތަކަށެވެ.