ޓެކްސް ބިލް ފާސްވުމަކީ ރައްޔިތުންގެ އުންމީދުތަކަށް ލިބުނު ބާރެއް

ސަރުކާރުން ވަރަށް ބޮޑަށް ބާރު އަޅަމުން ދިޔައީ ދެ ޓެކްހެއް ބޮޑު ކުރާށެވެ. ސަރުކާރުން ބޭނުންވި ގޮތަށް މިހާރު ވަނީ ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑު ކުރަން މަޖިލީހުން ފާސްކޮށްދީފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށައަޅުއްވަނީ -- މަޖިލީސް

ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، ޓެކްސް ރޭޓުތައް ބޮޑު ކޮށް ދޭން މަޖިލީހުން މިއަދު "ޓެކްސް ބިލް" ފާސްކޮށް ދިނުމަކީ ރައްޔިތުންގެ އުންމީދުތަކަށް ލިބުނު ބާރެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅު ވެއްޖެ އެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް ޖީއެސްޓީ ބޮޑު ކުރަނީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށެވެ. އެގޮތަށް ބޮޑު ކުރަން ފާސް ވެގެން ދިއުމާ ގުޅިގެން އަމީރު މިއަދު ޓުވީޓްތަކެއް ކުރައްވާ ވިދާޅުވީ ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް، ޓެކްސް ރޭޓްސް މަޖިލީހުން ފާސް ވެގެން ދިޔުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލް ކޮށްދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތްތައް ބާރުމިނުގައި ކުރިޔަށް ގެންދިޔުމަށް ލިބުނު އިތުރު ބާރެއް ކަމަށެވެ.

މިނިސްޓަރު އަދި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރު ވަނީ ފާއިތުވި އަހަރުތަކުގައި ދިމާވި، ބޮޑެތި އިގްތިސޯދީ ދަތިތަކުން އަރައިގަނެ ދުނިޔެއަށް މިސާލު ދައްކާފައި ކަމަށާއި ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް، ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ބޭނުންވެފައިވާ އުމްރާނީ އެތައް އިޖްތިމާއީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ބޭނުން ވެގެން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ޓެކްސް ބިލް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސް ކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުން ވޯޓް ދީގެނެވެ. ބިލު ފާސްކު ރަން ނުފެންނަ ކަމަށް 26 މެމްބަރަކު ވޯޓު ދެއްވި އެވެ.

މިދިއަ ދެ ދުވަހު ތަފާތު އުޒުރުތަކާއެކު ޓެކްސް ބިލަށް ރިޔާސަތުން ވޯޓަށް ނާއްސަވައި އޮތުމުން މިއަދު ވޯޓް ނަގައި ނަތީ އިއުލާން ކުރެއްވުމުގައި ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައި ވިދާޅުވީ ސަރުކާރުން ހުށަހެޅި ގޮތަށް ބިލަށް މަޖިލީހުން ލިބުނު ހަނި ތާއީދާމެދު ސަރުކާރުން ވިސްނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.