މި ބަދަލާއެކު ރާއްޖެއިން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ހަމަ އެކަނި ރާއްޖެއިން ބޭރުގައި ތިބޭ އިރު ކާޑުގެ ވެރިފަރާތަށެވެ.

ކޭޝް ކާޑުގެ ވެރިފަރާތް ބޭރަށް ނުގޮސް ކޭޝް ކާޑު ބޭނުން ނުކުރެވޭ ގޮތަށް ބީއެމްއެލް އިން ބަދަލު ގެނެސްފި އެވެ.
ބީއެމްއެލްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ / އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވީ ހުރިހާ ފަރާތްތަކަށް ހަމަހަމަކޮށް ޑޮލަރު ފޯރުކޮށް ދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިމިގްރޭޝަންއާ ގުޅިގެން ކާޑުގެ ވެރިފަރާތް ބޭރުގައި ނެތްނަމަ ކާޑު ބޭނުން ނުކުރެވޭ ގޮތަށް ބަދަލު ގެންނަން ވަނީ ނިންމާފަ އެވެ.
މި ބަދަލާއެކު ބީއެމްއެލް އާއި މޯލްޑިވްސް އިމިގްރޭޝަން އާއިއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަން އާއި އެކު، ރާއްޖެއިން ބޭރުގައި ޕީ.އޯ.އެސް އަދި އޭޓީއެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ހަމަ އެކަނި ރާއްޖެއިން ބޭރުގައި ތިބޭ އިރު އެކްޓިވް ވާގޮތަށް ހަމަޖެއްސުން ހިމެނެ އެވެ،
" މިހެންކަމުން ރާއްޖޭގައި ތިއްބަވާ ބޭފުޅުންގެ ކާޑު[ކާޑުގެ ވެރިފަރާތާއި ނުލައި] ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭގޮތް ހަމަޖެހިގެންދާނެ،" ޝަރީފު ވިދާޅުވި އެވެ.
ބީއެމްއެލްއިން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބައެއް ފަރާތްތަކުން 500 އެއްހާ ކާޑު ހިފައިގެން ބޭރަށް ގޮސް ވިޔަފާރި ކުރާކަން ފާހަގަވެފައިވާކަން ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.