މަރުކަޒީ ބޭންކުން ބުނީ މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ހަޒާނާގައި 113.3 މިލިއަން ރުފިޔާގެ ރަނާއި ރިހި ރައްކާކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ 2024 ވަނަ އަހަރު ހަޒާނާގައި ހުރި 67.8 މިލިއަން ރުފިޔާއާ ބަލާއިރު ބޮޑު އިތުރުވުމެކެވެ.

ރާއްޖޭގެ ހަޒާނާގައި ރައްކާކޮށްފައި ހުރި ރަނާއި ރިހީގެ އެސެޓުގެ އަގު މިދިޔަ އަހަރު ނިމުނުއިރު 66 ޕަސެންޓް އުފުލިއްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ހަޒާނާގައި 113.3 މިލިއަން ރުފިޔާގެ ރަނާއި ރިހި ރައްކާކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ 2024 ވަނަ އަހަރު ހަޒާނާގައި ހުރި 67.8 މިލިއަން ރުފިޔާގެ އެސެޓާ އަޅާބަލާއިރު 66 ޕަސެންޓު ނުވަތަ 45 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އަގު އުފުލުނީ ކީއްވެ ؟ - ރާއްޖޭގެ ހަޒާނާގައި ހުރި ރަނާއި ރިހީގެ ރިޒާވްގެ އަގު އުފުލުނު މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު އުފުލުމެވެ. މަރުކަޒީ ބޭންކުތަކުން ރަން ރިޒާވް ބަލަހައްޓަނީ "ފެއާ ވެލިއު" ނުވަތަ ބާޒާރުގެ އަގަށް ބަލައިގެންނެވެ. އެހެންކަމުން، ބޭންކުން އިތުރަށް ރަން ނުގަތް ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު އުފުލިއްޖެނަމަ، ބޭންކުގެ ބެލުމުގެ ދަށުގައި ހުރި ރަނުގެ އަގު މާލީ ރިޕޯޓުތަކުގައި އިތުރުވެގެންދާނެ އެވެ. މީގެ އިތުރުން މި ބަދަލު އައި އަނެއް ސަބަބަކީ ކަރަންސީ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލެވެ. ރަނަކީ އާންމުކޮށް އެމެރިކާ ޑޮލަރުން އަގުކުރެވޭ އެއްޗަކަށް ވާތީ، ދިވެހި ރުފިޔާއާ އަޅާބަލާއިރު ޑޮލަރުގެ އަގަށް އަންނަ ބަދަލެއްގެ ސަބަބުންވެސް ރުފިޔާއިން އަގުކުރާއިރު އެސެޓްގެ އަގަށް ބަދަލު އައުމުގެ ފުރުސަތު އޮންނާނެ އެވެ.
ދުނިޔޭގައި މިހާރު ރަނާއި ރިހީގެ އަގު ވަނީ އުފުލިފަ އެވެ. މީގެ މައިގަނޑު ސަބަބަކީ މެދުއިރުމައްޗާއި ޔޫކްރެއިން ފަދަ ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ނުތަނަވަސްކަމުގެ ސަބަބުން އިންވެސްޓަރުން ރައްކާތެރި އެސެޓެއްގެ ގޮތުގައި ރަން ގަންނަ މިންވަރު އިތުރުވުމެވެ. އަދި ފައިސާގެ އަގު ދަށްވަމުންދާ ވަގުތުތަކުގައި މުދަލުގެ އަގު ހިފެހެއްޓުމަށްޓަކައި ރަނަކީ އެންމެ އިތުބާރު ބޮޑު ވަސީލަތެވެ.
މަރުކަޒީ ބޭންކުގެ ރިޕޯޓް ދައްކާ ގޮތުން ރާއްޖޭގެ ފައިސާއިން ހުރި މާލީ ނޫން އެސެޓްތަކުގެ އަގު ވަނީ 2024 އާ އަޅާބަލާއިރު އުފުލިފަ އެވެ.ލޯކަލް ކަރަންސީ ނޮން-ފިނޭންޝަލް އެސެޓްސްގެ ގޮތުގައި މިހާރު ޖުމްލަ 866.3 މިލިއަން ރުފިޔާ އެބަހުއްޓެވެ. މިއީ އޭގެ ކުރީ އަހަރު ހުރި 851.3 މިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 15 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.