އެހެންކަމުން، ގިނަ މެމްބަރުންގެ ތާއީދު އެނގޭނީ އިންތިހާބު ނަތީޖާއިން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އިދިކޮޅު އެމްޑީޕީގެ ތެރޭގައި މެމްބަރުންގެ ތާއީދު އޮތް ފަޅި އެނގޭނީ، ޕާޓީގެ ޗެއާޕާސަންގެ އިންތިހާބު އަވަހަށް ބާއްވައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި ގައުމީ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ރޭ ވަނީ ހުށަހަޅުއްވާފަ އެވެ. އެގޮތަށް އޭނާ ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ އިންތިހާބު ބާއްވާނެ ފައިސާ ނެތް ކަމަށާއި މިވަގުތު އެ ދެ އިންތިހާބު ބާއްވައިފި ނަމަ ޕާޓީގެ މަސްލަހަތު ގެއްލިދާނެ ކަމަށް ބެލެވޭތީ އެވެ.
ނަމަވެސް އިންތިހާބު ފަސް ކުރުމަށް ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމް ވަނީ ދެކޮޅު ހައްދަވާފަ އެވެ.
އިންތިހާބުގައި މީކާއިލާ ވާދަކުރައްވާ، ނަޝީދު، ކެމްޕެއިނަށް މިއަދު ޕާޓީގެ ބައެއް މެމްބަރުންނާ ބައްދަލުކުރައްވައި ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އެ މަނިކުފާނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ މެދު ވެސް ހިތްހަމަނުޖެހޭ ބަޔަކު އެބަތިބި ކަމަށެވެ.
އެހެންކަމުން، ގިނަ މެމްބަރުންގެ ތާއީދު އެނގޭނީ އިންތިހާބު ނަތީޖާއިން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެއްބަޔަކު އެބަތިބި ރައީސް ސޯލިހަށް ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ބައެއް، އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި. އަނެއް ބަޔަކު އެބަތިބި އަޅުގަނޑާ ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ބައެއް، ހަމަ އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި. އެހެންވީމަ މިކަމުގައި ރަނގަޅު ވޯޓެއް ނަގައި ހޯދަން ވެއްޖެތާ ކޮންބައެއްތޯ ގިނައީ،" ނަޝީދު ވިދާޅުވި އެވެ.
ތާއީދު ބޮޑު ފަޅިއެއް އަވަހަށް ނުހޯދިއްޖެނަމަ، އެމްޑީޕީގެ ތެރޭގައި އޮތް މަސްލަހަތު އަނެއްކާވެސް ގޯސްވާނެކަމުގެ އިންޒާރު ވެސް އެ މަނިކުފާނު ދެއްވި އެވެ.