"އައުޑްވާޑް ރެމިޓެންސް" ގެ ގޮތުގަައި ރާއްޖޭން ބޭރަށް 139,000 އަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވެ އެވެ. މިއީ ޖުމްލަ 167.6 މިލިއަން ޑޮލަރެވެ.

މިދިޔަ އަހަރު ރާއްޖޭން ބޭރަށް ފައިސާ ފޮނުވަން 139,000 އަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާ ކަމަށް ދައްކައިފި އެވެ.
މަރުކަޒީ ބޭންކް އިން ބުނި ގޮތުގައި މިދިޔަ އަހަރު "އައުޑްވާޑް ރެމިޓެންސް" ގެ ގޮތުގަައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވި ބޭރު ފައިސާގެ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން 139,000 އަށްވުރެ ގިނަ މުއާމަލާތް މެދުވެރިކޮށް ޖުމްލަ 167.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.5 ބިލިއަން ޑޮލަރު) އަށްވުރެ ގިނަ ފައިސާ ބޭރަށް ފޮނުވާފައިވެ އެވެ.
ބިދޭސީން ބޭރަށް ފޮނުވި ފައިސާގެ މިންވަރު 89 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ ޖުމްލަ އަދަދު މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ރަސްމީ ނިޒާމުތަކުގެ ތެރެއިން ބޭރު ފައިސާ ފޮނުވާ މިންވަރު އިތުރުވުން ކަމަށް ބެލެވެ އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު، މުއާމަލާތް ކުރި އަދަދަށް ބަލާނަމަ 13 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި ފޮނުވި ފައިސާގެ އަގަށް ބަލާއިރު 8 ޕަސެންޓުގެ ކުރިއެރުމެކެވެ. ބޭރަށް ފޮނުވި ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބިދޭސީންނެވެ. އެއީ ފޮނުވި ޖުމްލަ ފައިސާގެ 94 ޕަސެންޓެވެ. އަދި ދިވެހިން ހިއްސާކުރަނީ ހަ ޕަސެންޓެވެ. ނަމަވެސް، ކުރީ އަހަރާ އަޅާބަލާއިރު ދިވެހިން ބޭރަށް ފޮނުވި ފައިސާގެ މިންވަރު ވަނީ 11 ޕަސެންޓު އިތުރުވެފަ އެވެ.
ރާއްޖޭން ބޭރުކުރި ޑޮލަރުގެ މިންވަރު އިތުރުވިއިރު، މިދިޔަ އަހަރު "އިންވާޑް ރެމިޓެންސް" ގެ ގޮތުގައި ފޮނުވި ފައިސާގެ މިންވަރު ވަނީ ދަށްވެފަ އެވެ. މި އަހަރު 2.9 މިލިއަން އެމެރިކާ ޑޮލަރުގެ 3،000 އަށްވުރެ ގިނަ އިންވާޑް ރެމިޓަންސް (ރާއްޖެއަށް ފޮނުވި ފައިސާ) މުއާމަލާތް ރެކޯޑު ކުރެވިފައި ވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، މުއާމަލާތް ކުރެވުނު އަދަދުން ފަސް ޕަސެންޓުގެ ދަށްވުމެކެވެ. އަދި ފައިސާގެ ޖުމްލަ އަގަށް ބަލާއިރު އެއް ޕަސެންޓުގެ ކުޑަ ދަށްވުމެކެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ރާއްޖެއަށް ފޮނުވި ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ލިބިފައިވަނީ ދިވެހިންނަށެވެ. އެއީ ޖުމްލަ އަގުގެ 82 ޕަސެންޓެވެ. ދިވެހިންނަށް ލިބުނު ރެމިޓަންސް ކުރީ އަހަރާ އަޅާބަލާއިރު ހަތަރު ޕަސެންޓް އިތުރުވެފައިވާއިރު، ބޭރު މީހުންނަށް ލިބުނު ފައިސާގެ އަދަދު ވަނީ 20 ޕަސެންޓު ދަށްވެފައިވެ އެވެ.