މި ސަރުކާރުން މިހާތަނަށް 23,000 އަށްވުރެ ގިނަ ވަޒީފާ އުފައްދައިފި: ރައީސް

ރައީސް ވިދާޅުވީ ރާއްޖޭގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ އަދުލުވެރި ސިޔާސަތެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

މި ސަރުކާރަށް ދެ އަހަރާއި ހަމަސް ވާން ކައިރިވެފައިވާއިރު، މިހާތަނަށް 23,000 އަށްވުރެ ގިނަ ވަޒީފާ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފައްދާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ ރާއްޖޭގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ އަދުލުވެރި ސިޔާސަތެއް ކަމަށެވެ.

އެގޮތުން، ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދިނުމަށް ހާއްސަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ގާއިމުކޮށްފައިވާ ކަމަށާއި، ގައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ހާއްސަ ޕްރޮގްރާމްތައް ފަށާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

އަދި އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީއާއި ލުއިލޯނު ދިނުން އިތުރުކޮށްފައިވާ ކަމަށާއި، ދުނިޔޭގެ ބާޒާރުން ދިވެހި މަސައްކަތްތެރީންނާއި އުފެއްދުންތަކަށް ޖާގަ ހޯދައިދިނުމަށް، ބައިނަލްއަގުވާމީ ބޮޑެތި އީ-ކޮމާސް މަންސަތަކާއެކު ކުރިއެރުންތައް ލިބެމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރުމުގައި އިސްކަންދެމުން މިދަނީ ގާބިލު ދިވެހި ކުންފުނިތަކަށް. މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހި ސަރުކާރަކަށް މި ސަރުކާރު ވާނެ. ވަކީން ހާއްސަކޮށް ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކުން އެދެމުންދާތާ އެތައް އަހަރެއްވެފައި ހުރި ކަންކަމަށް އަޅުގަނޑުމެން ހައްލު ހޯދައިދީފީމު. މަސްވެރީންނަށް ކުރީން ދަތިވެފައިއޮތް އެތައްކަމެއް ފަސޭހަކޮށްދީ، ދަނޑުވެރިކަން އިތުރަށް އާލާކޮށް، ފަތުރުވެރިކަން ނެތް ސަރަޙައްދުތަކަށް އެކަން ފުޅާކޮށް، އަދި ރާއްޖޭގައި ކުރީންނެތް ސިނާއީ ބައެއް މަސައްކަތްތައް އަލަށް ކުރަން ފަށައިފީމު،" ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއިން ކޮންމެ ކަމަކުން ރާއްޖޭގައި އިތުރަށް ވަޒީފާ އުފެދެމުންދާއިރު، ތާރީހުގައިވެސް ދިވެހި އުފެއްދުންތައް އެއްތަނަކުން އެންމެ ގިނައިން ފެނިގެންދިޔައީ މިދިޔަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި ކަމަށެވެ. 

"އަޅުގަނޑު އެދެނީ، ވަޒީފާއާއި މަސައްކަތުގެ ފުރުސަތުތައް ތަންމިނަށް ފަހިކޮށްދިނުމަށް ސަރުކާރުން އަޅަމުންދާ މި މުހިންމު ފިޔަވަޅުތައް ހަލުވިކޮށް ކާމިޔާބު ކުރުމުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.