އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި ޝިޕިން ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ.

މިދިޔަ އަހަރު ދުނިޔޭގައި ތެލުގެ އަގު ދަށްވެ، ޝޕިން ވިޔަފާރި ހީނަރުވުމުގެ ސަބަބުން އެސްޓީއޯގެ އާމްދަނީއަށް % 0.5 ގެ ދަށްވުމެއް އައިސްފައިވާ ކަމަށް ދައްކައިިފި އެވެ.
އެސްޓީއޯ އިން މިދިޔަ އަހަރު އާއްމުކުރި އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި މދިޔަ އަހަރު ވަނީ 16.68 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާ ބަލައި އިރު 0.5 އިންސައްތައިގެ ދަށްވުމެކެވެ.
"އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި ޝިޕިން ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ. ތެލުގެ އާމްދަނީ ދަށްވި ނަމަވެސް ތެޔޮ ވިކުނު އަދަދު ވަނީ 8 އިންސައްތައިން އިތުރުވެފައެވެ. އަދި ހަމަމިއާއިއެކު، އިންޝޫރަންސް، ގޭސް އަދި ޓްރޭޑިންގ ވިޔަފާރި ވަނީ ރަނގަޅުވެފައެވެ،" އެސްޓީއޯއިން ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ އަހަރު ހިންގުމުގެ ހަރަދު ނިސްބަތުން ދަށްވި ނަމަވެސް، ޖުމްލަ އާމްދަނީ ދަށްވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ އެސްޓީއޯ ގްރޫޕަށް ވަނީ 1.18 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެހެންނަމަވެސް ފައިނޭންސް ކުރުމުގެ ހަރަދު 16 އިންސައްތައިން ދަށްވުމާއިއެކު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 962 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާ ބަލައި އިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 785 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާ ބަލައި އިރު 2 އިންސައްތައިގެ ކުރިއެރުމެކެވެ.