ވޭތުވެދިޔަ އަހަރު އެސްއެމްޔޫއާއެކު ކުރިއަށްގެންދިޔަ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ބީއެމްއެލްގެ 40 މުވައްޒަފަކު ލީޑަޝިޕް ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމުން ހިމެނެ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިންގަޕޯ މެނޭޖްމަންޓް ޔުނިވަރސިޓީ (އެސްއެމްޔޫ) އާއެކު މުވައްޒަފުންގެ ލީޑަރޝިޕް ތަރައްޤީކުރުމާއި ޕްރޮފެޝަނަލް އެޑިއުކޭޝަން އަދި ގާބިލުކަން އިތުރުކުރުމަށްކުރެވޭ މަސައްކަތުގައި ދެ މުވައްސަސާގެ ދެމެދުގައި ސްޓެރެޓިޖިކް ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އެކެޑަމީއާއި އެސްއެމްޔޫގެ ޕްރޮފެޝަނަލް ތަމްރީނަށް ހާއްސަ އެސްއެމްޔޫ އެކެޑަމީއާ ދެމެދު މިހާރުވެސް އޮތް ގުޅުން އިތުރަށް ފުޅާވެގެންދާނެއެވެ. ބީއެމްއެލް އެކެޑަމީ އަކީ ބޭންކުގެ މުވައްޒަފުންގެ ތައުލީމީ އަދި ފަންނީ ކުރިއެރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް އުފައްދާފައިވާ އެކެޑަމީއެކެވެ.
މި ގުޅުމުގެ ދަށުން، ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ތައްޔާރުކުރެވޭ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމާއި ހިންގުމުގައި އެސްއެމްޔޫއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން މައުލޫމާތާއި ހުނަރު ބަދަލުކުރުމުގެ ތެރެއިން ބޭންކުގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރެވޭނެއެވެ. މީގެ ސަބަބުން، ފެންވަރު ރަނގަޅު ތަމްރީނު ފުރުސަތުތައް ފުޅާކުރުމަށާއި މެދުނުކެނޑި ފަންނީ ކުރިއެރުން ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށް ބީއެމްއެލް އެކަޑަމީއިން ކުރާ މަސައްކަތްތައް އިތުރަށް ތަރައްގީވެގެންދާނެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މި ޕާޓްނަރޝިޕުން ރަނގަޅު ލީޑަރުން ބިނާކުރުމަށާއި ބޭންކުގެ ހުރިހާ ދާއިރާއެއްގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް ހާމަވެގެންދެ އެވެ.
" ދިވެހިރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، އިގްތިސާދު ބައްޓަންކުރުމުގައި އަޅުގަނޑުމެން މުހިންމު ދައުރެއް އަދާކުރަން. ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، އަޅުގަނޑުމެން މި ބިނާކުރަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސްޓްރަކްޗަރޑް ތައުލީމީ ޕްރޮގްރާމްތަކެއް. މިއާއެކު އަޅުގަނޑުމެންގެ އިގްތިސާދުގެ ލީޑަރުންގެ ގޮތުގައި މުސްތަގުބަލުގައި ތިބޭނެ ފަރާތްތައް ބާރުވެރިކުރެވިގެން މި ދަނީ." ޝަރީފު ވިދާޅުވި އެވެ.
ވޭތުވެދިޔަ އަހަރު އެސްއެމްޔޫއާއެކު ކުރިއަށްގެންދިޔަ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ބީއެމްއެލްގެ 40 މުވައްޒަފަކު ލީޑަޝިޕް ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމުން ހިމެނެއެވެ. މީގެ ތެރެއިން ސީނިއަރ 20 މުވައްޒަފަކު އެސްއެމްޔޫއިން ދޭ 'އެގްޒެކެޓިވް ސެޓިފިކެޓް އިން ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފައިވާއިރު، އިތުރު 20 މުވައްޒަފަކު ވަނީ އެސްއެމްޔޫއިން ހިންގި ސެޓިފިކެޓް ޕްރޮގްރާމެއް ނިންމުމަށްފަހު ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް 'ސެޓިފިކެޓް އިން ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފަ އެވެ. އެސްއެމްޔޫ އާއި ބީއެމްއެލް އެކެޑެމީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުންދާއިރު މިފަދަ އިތުރު ތަމްރީނުތައް މިހާރު ވެސް ހިނގަމުން އެބަދެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ދަނީ މުވައްޒަފުން ތަރައްގީކުރުމަށާއި މުޅި މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރަމުންނެވެ. މިއީ ބޭންކުން ގެންނަމުން އަންނަ ހެޔޮ ބަދަލުތަކަށާއި، ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބޭ ބޮޑު އެހީތެރިކަމެކެވެ. ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، ބޭންކުން ދަނީ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.