އެކަމާ ގުޅޭ ގޮތުން މިހާތަނަށް ދެކެވެމުން އަންނަ ވާހަކަތަކާއި އޭނާގެ ރައުޔު ތަފާތު ކަމަށް މުންދު ވިދާޅުވި

ސަރުކާރުގެ ސިޔާސީ މަގާމްތައް 700 ގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ނޫން ކަމަށް ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
"ޕްރެސާ ވިތު ދަ ސްޕޯކްސް" ގެ ނަމުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ސަރުކާރުން ސިޔާސީ މަގާމްތަކުގެ ޖުމްލަ އަދަދު ހާމަ ނުކުރާ މައްސަލާގައި ނޫސްވެރިއަކު ސުވާލު ކުރުމުން މުންދު ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް ދެކެވޭ ވާހަކަތަކާއި އޭނާގެ ރައުޔު ތަފާތު ކަމަށެވެ.
އެގޮތުން ސިޔާސީ މަގާމްތަކުގެ އަދަދު 700 ގައި ހިފަހައްޓުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެއް ނޫން ކަމަށާއި އެއީ އިންތިގާލީ މަރުހަލާގައި ހިފި އަމާޒެއް ކަމަށް މުންދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ރައުޔު ތަފާތު، 700 ވަޒީފާއަކީ ރިޔާސީ ވައުދެއް ނޫން. އެއީ އިންތިގާލީ މަރުހަލާގައި ހިފި އަމާޒެއް. އޭތި ސާފު ކުރަން ޖެހޭނެ." މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އަށް ފަހު ސަރުކާރުން މިހާރު އަންނަނީ ސަރުކާރުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި ސިޔާސީ މުވައްޒަފުންގެ ވަޒީފާތައް ރިވިއު ކުރަމުންނެވެ.
އެ މަސައްކަތް ނިމުމުގެ ކުރިން އަދަދެއް ހާމަ ކޮށްފި ނަމަ ފަހުން އޮޅުން އަރާފާނެ ކަމަށާއި ނަމަވެސް ރިވިއު ޕްރޮސެސް ނިމުނުހާ އަވަހަށް ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އަންނަނީ ސިޔާސީ މަގާމްތަކުގައި ތިބި ބައެއް ފަރާތްތަކުން މަގާމުން ވަކިކޮށް އަނެއްބައި މީހުން އެހެން މަގާމްތަކަށް ބަދަލު ކުރަމުންނެވެ.