ރައީސްގެ މި ދަތުރުފުޅުގައި، ލަންކާގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވުމުގެ އިތުރުން ރާއްޖެއާއި ލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

އަންނަ އާދީއްތަ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އަވަށްޓެރި ސްރީލަންކާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން ބުނީ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ލަންކާއަށް ވަޑައިގަންނަވަނީ އެގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ލަންކާގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވުމުގެ އިތުރުން ރާއްޖެއާއި ލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
އަދި ދެ ލީޑަރުންގެ ހާޒިރުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ އިތުރުން ކެބިނެޓްގެ ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ.