ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މ މަހުގެ ފުރަތަމަ 28 ދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 137,954 ޓޫރިސްޓުންނެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %25.6 ގެ ދަށްވުމެކެވެ.

މެދުއިރުމަތީގައި މިހާރު ފެށިފައިވާ ހަނގުރާމައާއެކު ޓޫރިޒަމަށް ބޮޑު ލޮޅެއް އައިސް މި މަހު ޓޫރިޒަމް 25 ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ހިނގައްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ކުރީކޮޅު ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ދިޔަ ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް އައި ބަދަލުތަކާ އެކު ފަތުރުވެރިން އަންނަ މިންވަރު މާރިޗު އަދި އޭޕްރީލް މަހު ބޮޑުތަނުން ދަށަށް ގޮސްފިއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މ މަހުގެ ފުރަތަމަ 28 ދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 137,954 ޓޫރިސްޓުންނެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 25.6 ޕަސެންޓްގެ ދަށްވުމެކެވެ. މީގެ އިތުރުން ނިމިދިޔަ މާރިޗު މަހުވެސް ޓޫރިސްޓުން އައި މިންވަރު ވަނީ 20.7 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
މި އަހަރުގެ ޖަނަވަރީ އަދި ފެބުރުވަރީ މަހަކީ ފަތުރުވެރިކަމުގެ ރެކޯޑު މަސްތަކެކެވެ. ފެބުރުވަރީ މަހު އެކަނި ވެސް 15.7 ޕަސެންޓްގެ ކުރިއެރުމެއް ފާހަގަކުރެވުނެވެ. ނަމަވެސް، މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން، ހާއްސަކޮށް ޔޫރަޕްގެ މާކެޓްތަކުން އަންނަ ފަތުރުވެރިން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
މައިގަނޑު ފަތުރުވެރިކަމަށް ހީނަރުކަމެއް އައި ނަމަވެސް، ކްރޫޒް ލައިނާތަކުގައި އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މިއަހަރު އިތުރުވެފައެވެ. އަހަރުގެ މިހާތަނަށް 10,351 ކްރޫޒް ފަސިންޖަރުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.
ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ 2.5 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް މިހާރު ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. މިހާތަނަށް ރާއްޖެ އަށް ޖުމްލަ 786,529 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ ޖުމްލަ ގޮތެއްގައި 4.8 ޕަސެންޓްގެ ދަށްވުމެކެވެ.