ސިނާނު ފަހަތަށްޖެހި، ހިތަދޫ އުތުރު ދާއިރާއަށް ޕީއެންސީގެ ޓިކެޓު ސައީދަށް ދީފި

މިފަހަރު ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރަން އެންމެ ފަހި ވާނީ އޭނާ ފަހަތަށް ޖެހި، އާ ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ސިނާން ވިދާޅުވި.

ސިނާނާއި ސައީދު މިއަދު ސަލާމް ކުރައްވަނީ. --ފޮޓޯ: ފޭސްބުކް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ކާމިޔާބު ކުރައްވާފައިވަނިކޮށް، އެ ގޮނޑީގެ ބައި-އިލެކްޝަން ކާމިޔާބުވާނެކަމުގެ އުއްމީދެއް ނެތް ކަމަށް ވިދާޅުވެ، އޭނާ ފަހަތަށް ޖެހިވަޑައިގެން، ޕްރައިމަރީން ބަލިވި މުހައްމަދު ސައީދަށް ޓިކެޓު ދީފި އެވެ. 

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެގޮނޑީގައި ކުރިންވެސް އިންނެވި ސިނާންގެ ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް މިމަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ. 

އެ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު އެވެ.

ޕީއެންސީ ޕްރައިމަރީގައި ސިނާންއާ ވާދަކުރީ، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުކަމުގެ މަގާމުގައި ހުންނެވި ސައީދެވެ.

ޕީއެންސީ ޓިކެޓު ސިނާން ކާމިޔާބު ކުރެއްވީ 226 ވޯޓުންނެވެ. ސައީދަށް ލިބުނީ 199 ވޯޓެވެ.

ނަމަވެސް، ސިނާން ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ޕީއެންސީގެ ޕްރައިމަރީއަށް ފަހު، ދާއިރާގެ ގިނަ ބަޔަކާ މިދިޔަ ދުވަސްތަކުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. 

އެ ވާހަކަތަކުގައި މިފަހަރު ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރަން އެންމެ ފަހި ވާނީ އޭނާ ފަހަތަށް ޖެހި، އާ ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ސިނާން ވިދާޅުވި އެވެ.

އެހެންވެ، އެ ޓިކެޓު ދޫކޮށްލައި، ސައީދަށް ތާއިދުކުރައްވަން ނިންމެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާ އެކު، ޕީއެންސީގެ ޓިކެޓު މިއަދު ވަނީ ސައީދަށް ދީފަ އެވެ. 

މި ބައި-އިލެކްޝަންގައި ސައީދާ ވާދަކުރާނީ އެމްޑީޕީގެ ޓިކެޓު ކާމިޔާބުކޮށްފައިވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުالله ސޯދިގު (ސޯބެ)އާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.